02 Apr 2012, 13:57
އޭއެފްސީ ކަޕުގައި މާދަމާ ރޭ އަމިއްލަ ދަނޑުގައި ކުޅޭ ބޮޑު މެޗުން މޮޅުވެ، ތިން ޕޮއިންޓު ހޯދުމަށް ވީބީ އައްޑޫ އެފްސީ އޮތީ ދުރާލާ ތައްޔާރު ވެގެން ކަމަށް ޓީމުގެ ތުރުކީ ކޯޗް ޖޭން ވަންލީ ބުނެފި އެވެ.
ސައުދީ ލީގު ދެ ފަހަރު ކާމިޔާބުކޮށްފައިވާ އަލް އިއްތިފާގާ ދެކޮޅަށް މާދަމާރޭ ކުޅޭ މެޗުގެ ކުރިން މިއަދު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވަންލީ ބުނީ، މާދަމާ މެޗުގެ ތިން ޕޮއިންޓަކީ ޓީމަށް ވަރަށް މުހިންމު ތިން ޕޮއިންޓު ކަމަށެވެ. އަދި އެމުހިންމު ކަމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް މާދަމާ ރޭގެ މެޗަށް ޓީމް ނިކުންނާނީ، އެކަން ހާސިލް ކުރުމުގެ ހެޔޮނިޔަތާއި އަޒުމުގައި ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަންލީ ބުންޏެވެ.
މާދަމާރޭގެ މެޗަށް ނިކުންނައިރު ވީބީ އޮތީ، ގްރޫޕް ސީގެ ތިން ވަނާގައި އެއްޕޮއިންޓާއެކުގަ އެވެ. އަދި ވީބީއާ ދެކޮޅަށް ނިކުންނަ އަލް އިއްތިފާގު އޮތީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނާގަ އެވެ.
މި މުބާރާތުގައި އަލް އިއްތިފާގު ކުޅުނު ފުރަތަމަ މެޗުގައި ކުވޭތު ސްޕޯޓްސް ކްލަބު އަތުން ރަށުން ބޭރުގައި މޮޅުވީ 5- 1 އިންނެވެ. ދެވަނަ މެޗުގައި އަމިއްލަ ދަނޑުގައި އެ ޓީމު ވަނީ ލުބުނާންގެ އަލް އަހުދް އަތުން ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އަދި މިމުބާރާތުގައި ރާއްޖޭގެ ވީބީ ކުޅުނު ދެ މެޗުގެ ތެރއިން ފުރަތަމަ މެޗުގައި އަލް އަހުދް އަތުން 5-3 ލަނޑުން ބަލިވިއރު، ދެ ވަނަ މެޗުގައި ކުވޭތު ސްޕޯޓްސް ކްލަބް އަތުން ވީބީ ވަނީ 2- 2 އިން އެއްވަރުވެފަ އެވެ. އެމެޗް ކުޅުނީ މާލޭގައެވެ.
މާދަމާ ރޭ މެޗުގެ ޓިކެޓް މިއަދު ވިއްކަން ފަށާފައި ވާއިރު، ޓިކެޓުގެ އަގުތައް އުޅެނީ ގޮނޑި ބަރިން 30ރ. އަށާއި ސިޑިބަރިން 10 ރ. އަށެވެ.