ކުރިކެޓް ބޯޑުގެ އިންތިހާބު:
ރައީސްކަން ރެޑިއަމަށް، ނައިބުކަން ފައިސަލަށް

ކްރިކެޓް ބޯޑުގެ ހިންގާ ކޮމިޓީގެ އާދައުރުގެ ރައީސްގެ މަޤާމަށް ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ހަސަންދީދީ (ރެޑިއަމް) އަދި ނައިބު ރައީސަކަށް ޖެނެރަލް ސެކެރްޓަރީ މުހައްމަދު ފައިސަލް އިންތިހާބުކޮށްފި އެވެ.

ރޯޔަލް ޕާކް ރެސްޓޯރަންޓުގައި ރޭ ބޭއްވި، އިންތިހާބުގައި، ރެޑިއަމް އާއި ފައިސަލް މި ހޮވުނީ ހާޒިރުވެ، ވޯޓު ދިން 10 ކުލަބުން ލިބުނު ހަ ވޯޓާއި ސުކޫލުން ލިބުނު އެއް ވޯޓާއެކު ޖުމްލަ ހަތް ވޯޓުން ކާމިޔާބުކޮށްގެން ނެވެ. މި ދެ ބޭފުޅުންނާ އެހެން އެހެން އެއްވެސް ބޭފުޅަކު ވާދަނުކުރައްވަ އެވެ. ރައީސްކަމަށް ކުރިމަތިލެއްވި މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު ވަނީ އިންތިހާބުގެ ކުރިން ނަން އަނބުރާ ގެންގޮސްފަ އެވެ.

އިންތިހާބުގައި ކުލަބުތަކުގެ ހިންގާ ކޮމެޓީއަށް ހޮވި ހަތަރު މެންބަރުންގެ ގޮތުގައި ހޮވުނީ އަހުމަދު އާމިރާއި މުހައްމަދު އަފްލާހާއި މުހައްމަދު ޝަގީގާއި އަމީރު އަލީ އެވެ.

ސުކޫލްތަކުން ހޮވާ ދެ މެންބަރުންގެ ގޮތުގައި ފެންނަ ނުފެންނަ ވޯޓަކުން ހޮވުނީ މާދިހު އިސްމާއިލް އާއި ފާއިޒް ސަމަދެވެ. އަދި ފަރުދީ މެމްބަރަކަށް ހޮވުނީ ސޮނީ އަހުމަދު ކަލީމެވެ.
ކްރިކެޓްގެ އާ ބޯޑުން ތަން ހިންގުމާ ހަވާލުވާނީ އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ.