ޔޫއެފާ ނޭޝަންސް ލީގުގައި ބެލްޖިއަމް ބަލިކޮށް ނެދަލެންޑްސް ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ރޭ ނެދަލެންޑްސްގެ އެމްސްޓާޑަމް އަރީނާ ސްޓޭޑިއަމްގައި ބެލްޖިއަމް އާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު ދެ ޓީމުގެ ފަރާތުން ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ.

އެ މެޗުގެ ހަމައެކަނި ތަފާތަކަށް ވީ މެޗުގެ 73 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބޮލުން ޖެހި ގޯލެކެވެ. އެ ގޯލަކީ ކޯޑީ ގަކްޕޯ ނެގި ކޯނަރަކުން އޭނާ ޖެހި ގޯލެކެވެ.

އޭގެއިތުރުން މެޗުގެ 13 ވަނަ މިނެޓުގައި ބެލްޖިއަމްގެ މިޝީ ބަޓްޝުއާއީ އަށް ވަނީ ގޯލެއް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ކެވިން ޑިބްރޫނާ ޖައްސާލި ޕާސް ޕެނަލްޓީ އޭރިއާތެރޭގައި ހުރެ ބަޓްޝުއާއީ ފޮނުވާލި ނަމަވެސް ނެދަލެންޑްސްގެ ކީޕަރު ރެމްކޯ ޕަސްވީރް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ނެދަލެންޑްސްއަށް މެޗުގެ ލީޑު އިތުރަށް ފުޅާކުރުމަށް ފުރުސަތު ލިބި ބޭކާރުވެފައެވެ. އެ ޓީމުގެ މެމްފިސް ޑިޕާއީގެ އެހީތެރިކަމާއެކު ސްޓެވެން ބާގްވައިން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބެލްޖިއަމްއަށް ވެސް ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. ލެއިންޑްރޯ ޓްރޮސާޑް ނަގައިދިން ހުރަހަކުން ޑޯޑީ ލުކްބަކިއޯ ޕެނެލްޓީ އޭރިއާ ތެރޭގައި ހުސްކޮށްހުރެ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގޯލުގެ އަރިމަތީ ދަނޑިއެވެ.

އެ ނަތީޖާއާއެކު މޮޅުވެ ނެދަލެންޑްސް ވަނީ ކުޅުނު ހަ މެޗުން ބަލިނުވެ 16 ޕޮއިންޓު ހޯދައި ޑިވިޝަން އެކެއްގެ ގްރޫޕް ޑީގެ އެއް ވަނައާއެކު ސެމީ ފައިނަލަށް ގޮސްފައެވެ. މެޗުން ބަލިވި ބެލްޖިއަމް އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ގްރޫޕްގެ ތިންވަނަ ޕޮލެންޑަށް ހަތް ޕޮއިންޓާއެކު ލިބޭއިރު ވޭލްސް ރެލިގޭޓްވީ ހަ މެޗުން ލިބުނު އެއް ޕޮއިންޓާ އެކުއެވެ.