ރަޝިއާ-ޔޫކްރޭން ހަނގުރާމައަށް ސުލްހަވެރި ނިމުމެއް ގެނައުމަށް އިންޑިއާއާއި ޗައިނާއިން ބޭނުންވާކަމަށް އެ ދެ ގައުމުން ހާމަކޮށްފިއެވެ.

އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގައި ރަޝިއާއާ ދެކޮޅަށް ދުނިޔޭގެ ގިނަ ގައުމުތަކުން ވާހަކަދައްކާފައިވާއިރު، ރަޝިއާއިން ވަނީ ހުޅަނގުގެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވިދާޅުވީ، ޗައިނާއިން ބޭނުން ވަނީ ޔޫކްރެއިން މައްސަލައަށް ސުލްހަވެރި ހައްލެއް ގެނައުމަށް ކަމަށެވެ. އެގޮތުން ހުރިހައި ފަރާތެއްގެވެސް ކަންބޮޑުވުންތައް އަޑުއަހައި ހަމަހަމަ ހައްލެއް ގެނައުމަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ވަންގް ޔީ ވަނީ އދ. އަށް ކުރެއްވި މި ދަތުރުފުޅުގައި ޔޫކްރޭނުގެ ފޮރިން މިނިސްޓަރު ޑިމިޓްރޯ ކުލޭބާއާވެސް ބައްދަލުކުރައްވާފައެވެ.

ޗައިނާއިން ވަނީ ރަޝިއާ-ޔޫކްރޭން ހަނގުރާމަ ފެށުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ރަޝިއާއާއި ޗައިނާއާ ދެމެދު އޮންނާނީ ވަރުގަދަ ގުޅުމެއްކަން ހާމަކޮށްފައެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އދ. ގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ޒިންހުއާ

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. އެސް ޖޭޝަންކަރު ވިދާޅުވީ، އިންޑިއާއާ އަބަދުވެސް ކުރިމަތިވާ ސުވާލަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި އިންޑިއާ ނަގަނީ ކޮން ކޮޅެއްތޯ ކަމަށެވެ.

"އެ ސުވާލުގެ ޖަވާބަކީ އިންޑިއާ އަބަދު ވެސް އޮންނާނީ ސުލްހައާއި ޑިޕްލޮމެސީއާ އެއް ފަޅިއެއްގައި،" ޑރ. ޖަޔަޝަންކަރު ވިދާޅުވިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖޭޝަންކަރު އދ. ގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ދަ ހިންދޫ

އދ.ގެ އާންމު މަޖިލީހުގައި ރަޝިއާއާ އޮތް ގާތްގުޅުމުގެ ވާހަކަދައްކައި، ރަޝިއާއަށް ތައުރީފުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި މާލީ ހިމެނެއެވެ. މާލީގެ ބޮޑުވަޒީރު ކާނަލް އަބްދުﷲ މައިގާ ވަނީ ރަޝިއާއާއެކު އޮތް ލާމަސީލު ގުޅުމަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ރަޝިއާ-ޔޫކްރޭން މައްސަލަ ހޫނުވެ، ހަނގުރާމައަކަށް ބަދަލުވެފައިވާއިރު، ރަޝިއާގެ ރައީސް ވްލަޑްމީރް ޕޫޓިން އަންނަނީ ނިއުކްލިއާ ހަތިޔާރު ބޭނުން ކޮށްފާނެ ކަމުގެ ސިގްނަލެއް ދެމުންނެވެ.

ރަޝިއާ-ޔޫކްރޭން ހަނގުރާމަ ފެށުނީ ޔޫކްރޭނުން ނޭޓޯއާ ގުޅުމަށް ނިންމުމާ ގުޅިގެންނެވެ. ރަޝިއާއާ ދެކޮޅު ނޭޓޯއާ އަވަށްޓެރި ޔޫކްރޭން ގުޅުމަކީ ރަޝިއާގެ ސަލާމަތަށް ނުރައްކަލެއްގެ ގޮތުގައި ރަޝިއާގެ ރައީސް ޕޫޓިން ވަނީ ސިފަކުރައްވާފައެވެ.