ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ނާއިބު ރައީސް ކަމަށް އައްޔަންކުރައްވާފައިވާ މުހައްމަދު ވަހީދުއްދީން އާއި މި ސަރުކާރުގެ ކެބިނެޓަށް އައްޔަންކުރައްވާފައިވާ 14 މިނިސްޓާރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅުއްވާ ކަމެއްގެ ގޮތުގައި އެ ބޭފުޅުންނަށް މަޖިލީހުގެ ރުހުން ދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. ވަހީދު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް ހުށަހެޅުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްތަވަމުން ގެންދެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ، އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުއްވެވީ ކަމަށެވެ.

މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާފައިވާ 14 ވަޒީރުންނަކީ، ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު، ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް، ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު، ހެލްތު އެންޑް ފެމިލީ މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް މުހައްމަދު، އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ)، ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދު، ހިއުމަން ރިސޯސަސް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު، މުހައްމަދު ހުސެއިން ޝަރީފު (މުންދު)، ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރު މިނިސްޓަރު އަހުމަދު އަދީބްގެ އިތުރުން އިސްލާމިކް އެފެއާޒް މިނިސްޓަރު އައްޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު، ހައުސިން އެންޑް އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ، ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އަދި ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓަރު އަހްމަދު ޝަފީއު އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޑރ. ވަހީދުގެ ސަރުކާރުގެ އޮނިގަނޑަށް ގެނަ ބަދަލެއްގެ ގޮތުން މިނިސްޓް އޮފް ހެލްތު އެންޑް ފެމިލީގެ ނަން މިނިސްޓްރީ އޮފް ހެލްތުގެ ނަމަށް، އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ނަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފަރާންސްޓްރަކްޗާގެ ނަމަށް ބަދަލުކޮށް، މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ހިއުމަންރައިޓްސްގެ ނަމުގަ އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީގެ ނަމުގައި ދެ މިނިސްޓްރީ އުފެއްދުމަށް ހުށަހެޅި މައްސަލައަށް ވަނީ ބަހުސްކޮށްފަ އެވެ.