ވަކި ރަށެއްގެ ވަކި ފެންވަރެއްގެ މީހަކަށް ވީތީ ނުކުރެވޭނެ ކަމެއް ނުވަތަ އަދާނުކުރެވޭނެ ވަޒީފާއެއް އޮވެގެން ނުވާނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ 68ވަނަ އަސާސީ ތަމްރީނު ކޯހުގެ ޕާސިން އައުޓް ޕެރޭޑްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ މި ސަރުކާރުން ވަނީ މިންތީގެ ހަމަހަމަކަން ގާއިމް ކޮށްދީފައިކަަމަށެވެ. އެގޮތުން ސިފައިގެ ތެރޭގައި އަންހެނުންނަށް ކުރިއަށްދިއުމުގެ ފުރުސަތު މިހާރު ތަނަވަސްކޮށްދީފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ ވާދަވެރި މާހައުލެއްގައި ފިރިހެނުންނާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު އަންހެނުންނަށް ވެސް މިހާރު ފަހިކޮށްދީފައި ވާކަމަށެވެ. އަދި ސިފައިންގެ ސީނިއާ ރޭންކުތަކުގައި ވެސް އަންހެން ބޭކަނބަލުން މިހާރު ގިނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ނަމަވެސް އަދަދުގެ ގޮތުން އަދިވެސް އަންހެނުން ވަރަށް މަދު. މި ހާލަތު ބަދަލުކުރުމަށް ކުރިމަގުގައި ރޭވުންތެރި މަސައްކަތްތަކެއް އަސްކަރިއްޔާއިން ކުރަށްޖެހޭ. އަދި ފުރުސަތުތައް ގިނަ މި ޚިދުމަތާ ގުޅުމަށް ދިވެހި އަންހެން ކަނބަލުނަން އަޅުގަނޑު އިލްތިމާސްކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމަށާއި ވެލްފެއާގެ ކަންކަން ފުރިހަމަ ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީ މަސައްކަތްކުރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ އަސްކަރިއްޔާއާ ގުޅުމަކީ އަމިއްލަ ނަފުސަށް ކުރާ އިތުބާރެއްކަމަށެވެ. އަދި ރައްޔިތެއްގެ ހައިިސިއްޔަތުން އުފުލޭ އެންމެ މަތިވެރި ޒިންމާ އަކީ އަދި ހާސިލްކުރެވޭނެ އެންމެ މަތިވެރި ފަޚުރަކީ ވެސް ގައުމާ ރައްޔިތުންގެ ދިފާޢާ ސަލާމަތާ ރައްކަލަށްޓަކައި އަސްކަރީ ޚިދުމަތަށް ނުކުތުންކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"ގައުމެއްގެ އަސްކަރިއްޔާ ވަރުގަދަ ވަނީ ހަމައެކަނި ހަތިޔާރާ އާލާތަކުން ނޫން. ސިފައިންގެ އެންމެ މަތީވެރިޔާ ފާހަގަކުރެއްވި ފަދައިން ސިފައިން ގައުމީ ދިފާއުގެ އައްޑަނަ ބާރުގަދަވެގެންދަނީ ސިފައިންގެ ތެރޭގަ އޮންނަ އެކުވެރިކަމާ ބަދަހިކަމުގެ ސަބަބުން،" މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާއާ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ބާއްވަވާ ގާތްކަމަށްޓަކައި މިނިސްޓަރު އެމަނިކުފާނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ސިފައިންގެ މަގުސަދު ހާސިލްވާނެހެން އަސްކަރިއްޔާގެ ކަންކަން ކުރިއަށްގެންގެންދަވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލަށް ވެސް މާރިޔާ ޝުކުރުއަދާކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި 185 ސިފައިން ވަނީ ހަތަރު މަސްދުވަހުގެ ޓްރެއިނިން ނިންމައި، ދަސްވެނިވެ ސިފައިންގެ ޚިދުމަތާ ގުޅިފައެވެ.