ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު މި އަހަރުގެ ފެބުރުއަރީ 7 ދުވަހާއި 8 ވަނަ ދުވަހު ހިންގި ކަންތައްތައް ތަހުގީގުނުކޮށް، އަތޮޅުތަކުގައި ހިންގި ހަމަނުޖެހުންތަކުގެ މައްސަލާގައި މީހުންގެ މައްޗަށް ދައުވާކޮށް ނުކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ހުށަހަޅުއްވައިފި އެވެ.

ޕީޖީ އަހުމަދު މުއިޒު އަށް މިއަދު ހުށަހެޅުއްވި މައްސަލާގައި ސަމީރު ވިދާޅުވެފައި ވަނީ ފެބްރުއަރީ 7 ވަނަ ދުވަހު ދައުލަތާ ދެކޮޅަށް ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ހިންގި އަމަލްތައް ތަހުގީގުނުކޮށް، ފެބްރުއަރީ 8 ވަނަ އަތޮޅުތަކުގައި ހިންގި ބޮޑެތި ހަމަނުޖެހުންތަކުގެ މައްސަލާގައި މީހުންގެ މައްޗަށް ފުލުހުން ކުރާ ތަހުގީގަކީ ސައްހަ ތަހުގީގެއް ނޫން ކަމާށެވެ. އަދި އެފަދަ ތަހުގީގުތައް ނިންމައި ޕީޖީ އޮފީހަށް ފޮނުވުމުން ދިވެހިރައްޔިތުންގެ މައްޗަށް ޕީޖީން ދައުވާ ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
~
"ފުލުހުންގެ މުއައްސަސާގައި ހިމެނޭ ފުލުހުން ރޯމަ ދުވާލުގެ ވަގުތުގައި ދިވެހި ރައްޔިތުންގެ ކުރިމަރީގައި ހިންގާފައިވާ ޖަރީމާތަކާއި އިންސާނީ ކަރާމާތް، ގެއްލޭ ގޮތަށްކޮށްފައިވާ ބޮޑެތި އަނިޔާތަކަށް ފަހު، އެ މައްސަލަތައް ތަހުގީގުނުކޮށް، ރައްޔިތުންގެ މައްޗަށް ފުލުހުން ކުރާ ތަހުގީގަކީ އެއްވެސް ސައްހަކަމެއް އޮތް ތަހުގީގަކަށް ނުވާ އިރު، އެފަދަ ތަހުގީގެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނަރަލް އެ މައްސަލަތައް ޝަރީއަތަށް ހުށަހަޅަމުންދާ ނަމަ، ގާނޫނު އަސާސީގެ 220 ވަނަ މާއްދާގެ (ހ) އާ އެއްގޮތަށް ވަކިފަރާތަކަށް ބުރަނުވާ މުސްތަގިއްލު ފަރާތެއް ކަމުގައި ޕްރޮސެކިއުޓާ ޖެނަރަލް ބެލެވިދާނެތޯ އެވެ." މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ނައިބު މުގައްރުކަން ވެސް ކުރައްވަމުން ގެންދަވާ ސަމީރު ޕީޖީއަށް މިއަދު ހުށަހެޅުއްވި މައްސަލާގައި ވިދާޅުވެފައިވެ އެވެ.

ސަމީރު ނިސްބަތްވެ ވަޑައިގަންނަވާ ދިއްދޫ ދާއިރާގެ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން ފެބްރުއަރީ 8 ވަނަ ދުވަހު ބަޔަކު ހަމަލާދީ އެތަން ބަންދުކުރި މައްސަލަ ސަމީރު ވިދާޅުވެފައި ވަނީ އެ މައްސަލަ ޝަރީއަތަށް ފޮނުވާފައި ވަނީ އެއްވެސް ހަގީގަތަކެއްގެ މައްޗަށް ބިނާވެވޭ ތަހުގީގެއް ނޫން ކަމަށެވެ. އަދި އެ ދުވަހު ދިއްދޫ ޕޮލިސް ސްޓޭޝަން ބަންދުކޮށްފައި ވަނީ ދިއްދޫ ކައުންސިލާއި ހއ. އަތޮޅު ކައުންސިލްގެ ބައެއް މެންބަރުނާ ފުލުހުން މަޝްވަރާކުރުމަށް ފަހު ގަކަމަށެވެ. އަދި އެ ސްޓޭޝަން ބަންދު ކުރީ ފުލުހުން އަމިއްލައަށް ކަމަށް ސަމީރު ވިދާޅުވެފައިވެ އެވެ. އަދި އެ ދުވަހު ޕޮލިސް ސްޓޭޝަން ބަންދު ކުރީ އެ އިމާރާތަކީ ދިއްދޫ ރައްޔިތުންގެ އިމާރާތަކަށްވެފައި މައްސަލަހަތު ހުރިގޮތުން ހިންގާފާނެ ހަމަނުޖެހުމަކުން ސަލާމަތްވުމަށްޓަކައި ކުރި ކަމެއް ކަމަށެވެ.

ގާނޫނު އަސާސީގެ މާއްދާތައް ރިޔާއަތް ކުރައްވައި ސަމީރު ހުށަހެޅުއްވި ހަތަރު ސަފުހާގެ މައްސަލާގައި ބުނެފައި ވަނީ ފުލުހުންނާއި ސިފައިންގެ ބަޔަކު ހިންގި ކަންތައްތައް މިނިވަންކަމާ އެކު ތަހުގީގުނުކޮށް، ފުލުހުން ހިންގާ ތަހުގީގުތައް ޝަރީއަތަށް ފޮނުވުމަކީ އެކަމުގެ ނޭދެވޭ ނަތިއްޖާ މުޖުތަމައަށް ފޯރާނެ ކަމަށެވެ. އެހެންކަމުން ޕީޖީގެ ހައިސިއްޔަތުން އަޅުއްވަން ޖެހޭ ފިޔަވަޅުތައް މިހިނދުން މިހިނދަށް އަޅުއްވާދެއްވުމަށް ސަމީރު އެދިވަޑައިގެންފައިވެ އެވެ.

ސަމީރު ހުށަހެޅުއްވި މައްސަލާގައި ޕީޖީ މުއިޒު ވިދާޅުވީ އެ މައްސަލައާ ބެހޭ ގޮތުން ރަސްމީކޮމެންޓެއް މިއަދުގެ ވަގުތެއްގައި މީޑީއާއަށް ދެއްވާނެ ކަމަށެވެ.