08 Oct 2022, 10:12
އީރާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން އެ ގައުމުގެ ސަލާމަތީ ބާރުތަކުން 16 އަހަރުގެ އަންހެން ކުއްޖަކު މަރާލާފައިވާކަމަށް އެމްނެސްޓީ އިންޓަނޭޝަނަލުން ރިޕޯޓްކޮށްފިއެވެ.
ސަރީނާ އިސްމައިލްޒާދާ ނަމަކަށް ކިޔާ މި ކުއްޖާއަކީ ޔޫޓިއުބް ވީޑިއޯ ހަދާ ކުއްޖެކެވެ. މި ކުއްޖާ މަރާލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އީރާނުގެ އަލްބޯޒް ޕްރޮވިންސުގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައެވެ.
މީގެއިތުރުން، އެ ކުއްޖާގެ އާއިލާއަށްވެސް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ފުރައްސާރަކޮށް، އެ އާއިލާގެ އަޑު ކަނޑުވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްނެސްޓީން ވަނީ ރިޕޯޓްކޮށްފައެވެ.
މި ތުހުމަތަށް އީރާނުން އިންކާރުކޮށްފައިވާއިރު، އަލްބޯޒް ޕްރޮވިންސްގެ އުއްތަމަ ފަނޑިޔާރު ވަނީ ސަރީނާގެ މަރާބެހޭ މައުލޫމާތު ހިއްސާކޮށްފައެވެ. އޭނާ ވިދާޅުވީ ސަރީނާ އަކީ ނަފްސާނީ މައްސަލަތައް ހުންނަ ކުއްޖެއް ކަމަށާއި، އެ ކުއްޖާ މަރުވެފައިވަނީ ފަސް ބުރީގެ އިމާރާތަކުން އަމިއްލައަށް ފުންމާލައިގެން ކަމަށެވެ.
ސަރީނާގެ ބައެއް ޔޫޓިއުބު ވީޑިއޯތަކުގައި އޭނާ ވަނީ އީރާނުގައި އަންހެނުންގެ ހައްގުތައް އޮތް ގޮތާމެދު ވާހަކަ ދައްކާފައެވެ. އަދި ބުރުގާ އެޅުމާބެހޭ އުސޫލާ ދެކޮޅު ހެދުމުގެ އިތުރުން އީރާނުގެ އިގުތިޞާދީ ހާލަތާ ގުޅޭގޮތުންވެސް އޭނާ ވާހަކަ ދައްކާފައިވެއެވެ.
އީރާނުގައި މަހްސާ އަމީނީގެ މަރާ ގުޅިގެން ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި އާންމުންނާއި ސަލާމަތީ ބާރުތަކާ ކުރިމަތިލުންތައް ހިނގަމުން އެބަ ދެއެވެ. އީރާނުގެ ސަރުކާރުން ވަނީ އެ ގައުމުގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ މައުލޫމާތު ބޭރަށް ނުފެތުރޭނެހެން އެ ގައުމުގެ އިންޓަނެޓަށްވެސް ހުރަސް އަޅާފައެވެ.