ދަގަނޑު ހޮޅިބުރިއަކުން ބޮލުގައި ޖަހައި ގ. މާލޭހިޔާ، ޝަހުދު އަބްދުﷲ 2006 ވަނަ އަހަރު މަރާލި މައްސަލަ ގދ. ގައްދޫ ތިބިރޯޒުގޭ، އިބްރާހިމް އަޝީރުގެ މައްޗަށް ސާބިތުވެ، އޭނާ 16 އަހަރަށް ޖަލަށް ލުމާ އެކު، އޭނާގެ ފަރާތުން މަރުވި މީހާގެ ވާރިސުންނަށް މަރުގެ ދިޔަ ދިނުމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޝަހުދު މަރާލި މައްސަލަ އަޝީރުގެ މައްޗަށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

ޖުވެނައިލް ކޯޓުން ކުރި ހުކުމްގައި ބުނަނީ އަޝީރުގެ އަމިއްލަ އިއުތިރާފުންނާއި ދައުލަތުން ހުށަހެޅި ގަރީނާތަކުން ޝަހުދު މަރާލިކަން އަޝީރުގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ޝަހުދު މަރުވެފައި ވަނީ އަޝީރުގެ އަތުގައި އޮތް ދަގަނޑު ހޮޅިބުރިން ޝަހުދުގެ ބޮލުގައި ޖެހުމުން ޝަހުދު އަރިއަޅައިގެން ވެއްޓި ފާރުގައި ބޯޖެހި އިތުރު އަނިޔާތަކެއް ލިބުމުން ކަން އެނގޭތީ ކުށް ކުރި މީހާގެ އަމަލާއި ކުށުގެ ނަތީޖާ ވެސް ދިމާވާކަމަށެވެ.
އެ ހުކުމްގައި ބުނެފައި ވަނީ މަރުވި ޝަހުދުގެ ވާރިސުންގެ ތެރެއިން އެކަކު މަރަށް މަރުހިފުމަށް ބޭނުންނުވާ ކަމަށާއި އޭނާ ބޭނުން ވަނީ މަރުގެ ދިޔަ ކަމަށް ބުނެފައި ވާތީ، އިސްލާމީ ޝަރީއަތުގައިވާ ގޮތުން މަރަށް މަރުހިފުން ކަނޑައެޅެން ނެތް ކަމަށެވެ. އަދި ހާދިސާ ހިނގި އިރު އަޝީރުއަކީ 18 އަހަރު ނުފުރޭ ގާނޫނީ ގޮތުން ކުޑަކުއްޖަކަށް ވާތީ، އޭނާ 16 އަހަރާއި އަށް މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

މަރުގެ ދިޔައިގެ ގޮތުގައި ދޭންޖެހެނީ 100،000ރ. ކަމަށާއި ނަމަވެސް އެ ގަތުލު ހިންގާފައި ވަނީ ހުރުމަތްތެރި ވެގެންވާ މައްސަރެއްގައި ކަމަށް ވާތީ މަރުގެ ދިޔައިގެ ތިން ބައިކުޅަ އެއްބައި އިތުރުކުރުމުން ޖެހޭ 33333.33ރ. އާ އެކު ޖުމްލަ 133333.33ރ. ޝަހުދުގެ ވާރިސުންކަމަށްވާ އޭނާގެ މަންމައަށާއި އެއްބަނޑު އަޚުންނަށް ދިނުމަށްޓަކައި އެއް މަސް ތެރޭގައި އެ ފައިސާ ސިވިލްކޯޓަށް ދައްކައި ޚަލާސް ކުރުމަށް އަޝީރު އަށް އަންގައި، ކައްފާރާގެ ގޮތުން ވިދިވިދިގެން ހަނދުމަހުގެ ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ވެސް އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފަ އެވެ.