25 Sep 2022, 08:47
އެނޯލާ ހޯމްސްގެ ފުރަތަމަ ފިލްމަށްފަހު އެ ފިލްމުގެ ސީކުއެއްގެ ޓްރެއިލާ ދޫކޮށްލައިފިއެވެ.
މަޝްހޫރު ޑިޓެކްޓިވް ޝާލޮކް ހޯމްސްގެ ކޮއްކޮ، އެނޯލާއަށް ބިނާކޮށް ހަދާފައިވާ ފުރަތަމަ ފިލްމަށް ގިނަ ބައެއްގެ ރަނގަޅު ރިވިއުސް ވަނީ ލިބިފައެވެ. ހާއްސަކޮށް އެނޯލާގެ ރޯލު ކުޅުނު، މިލީ ބޮބީ ބްރައުންގެ އެކްޓިން ގިނަބަޔަކަށް ކަމުދިޔައެވެ. މިފަހަރު ދޫކޮށްލި އެނޯލާ ހޯމްސްގެ ދެވަނަ ފިލްމުގެ ޓްރެއިލާއިން ވެސް ވިދާލީ ފިލްމުގެ ލީޑް މިލީއެވެ.
މި ފިލްމުގައި އޭނާ ފެންނަނީ ޑިޓެކްޓިވް އޭޖެންސީ އެއް ހުޅުވައިގެން އުޅޭ މަންޒަރުތަކެވެ. އޭނާގެ ބޭބެ ޝާލޮކްއަށް އެކި ކޭސްތައް ލިބުނު ކަމުގައިވިޔަސް އެނޯލާގެ ޑިޓެކްޓިވް އޭޖެންސީއަށް އެއްވެސް ކޭސް އެއް ތަހުގީގު ކުރަން ނުލިބި އުޅެނިކޮށް އޭނާއަށް ލިބުނު ކޭސް ހައްލުކުރުމުގައި ދިމާވާ ކަންކަން މި ފިލްމުގައި ދައްކުވައިދެއެވެ. އެނޯލާ އަކީ އަންހެން ޑިޓެކްޓިވް އަކަށް ވުމުން ދިމާވާ ދަތިތައްވެސް ދެ މިނެޓުގެ ކުރު ޓްރެއިލާ އިން ފެނެއެވެ.
އެނޯލާ ހޯމްސްގެ ފުރަތަމަ ފިލްމު ނެރުނީ ކޮވިޑް-19ގެ ޕެންޑެމިކް ދުވަސްވަރު ސެޕްޓެމްބަރު 2020 ގައެވެ. އެ ފިލްމަށް މުޅި ދުނިޔޭން ވެސް މަގުބޫލުކަން ލިބުނުއިރު، ނެޓްފްލިކްސްގައި އެދުވަސްވަރު އެންމެ ގިނަ ބަޔަކު ބެލި ފިލްމަށް ވިއެވެ. އަދި، ފިލްމުގެ ކާމިޔާބާއެކު ދެވަނަ ބައެއް އޮންނާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން އިއުލާން ކުރިއެވެ.
މި ސީކުއެލް ނެރެން ތާވަލުކޮށްފައިވަނީ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހަށެވެ. މިއީ ސްޓްރޭންޖާ ތިންގްސް ސީރީޒް އިން މަގުބޫލުވި މިލީ ބޮބީ ލީޑް ރޯލަކުން ފެންނަ ދެވަނަ ފިލްމެވެ.