02 Apr 2012, 11:55
ފޮރިން މިނިސްޓަރު ޑރ. އަބުދުއްސަމަދު އަބުދުﷲ އަވަށްޓެރި އިންޑިޔާ އަށް މިއަދު ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ ޑރ. ސަމަދުގެ މި ދަތުރުފުޅުގައި އިންޑިޔާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ނިއުދިއްލީގައި ތިއްބަވާ އެކި ގައުމުތަކުގެ ޑިޕްލޮމޭޓުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
އިންޑިޔާގެ އެކްސްޓާނަލް މިނިސްޓްރީގެ ސްޕޯކްސް ޕާސަން ސައްޔިދު އަކުބަރުއްދީނާ ހަވާލާދީ އިންޑިޔާގެ ދަ ހިންދޫ އިން މިއަދު ބުނީ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބުދުސަމަދު އަބުދުﷲ އާއި އިންޑިޔާގެ އެކްސްޓާނަލް މިނިސްޓަރު އެސް އެމް ކްރިޝްނާ މާދަމާ ބައްދަލުކުރައްވާނެ ކަމަށެވެ.
އެ ނޫހުން ބުނީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ތާޒާ މައުލޫމާތު އިންޑިޔާ އަށް ލިބޭނެ ކަމަށެވެ.
މަގާމާ ހަވާލުވެވަޑައިގަތް ފަހުން މިނިސްޓަރު ޑރ. ސަމަދު ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވަޑައިގެންނެވީ ފޮރިން ސެކްރެޓަރީ އަހުމަދު ނަސީރެވެ.
މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގެ ވެރިކަން ބަދަލުވުމުން އާ ސަރުކާރު އެންމެ ފުރަތަމަ ގަބޫލުކުރި ގައުމަކީ އިންޑިޔާ އެވެ.