"ނޭނގެ ކީއްވެ ކަމެއް... އޭގެ ފަހުން މައްސަލަ ވަރަށް ގޯސްވި... ތިއްތި އެގެއަށް ދިޔާމަ ނުވެސް ވައްދާ... ހިދައްތަ ވިހޭކަން އެނގުނީމަ ތިއްތި އެގޭ ކައިރިއަށް ގޮސް ރޮއެފަ އާދޭސްކުރި އެތެރެއަށް ވައްދާށޭ ކިޔާފަ... ފިޒާއަށް ފެނުނު ކިތަންމެ ދުވަހަކު... ދެން އެއް ދުވަހު ހިދައްތަ މަންމައަށް ފެނުނީ... ފެނުނީ..." ފިޒާ އޭނާގެ ވާހަކަ ހުއްޓައިލީ އަރުތެރޭގައި އެއްޗެއް ތާށިވުމުން އުނދަގޫވެގެން ހުއްޓައިލާފަދަ ގޮތަކަށެވެ.

އެއްޗެއް ނުބުނެވިފައި ފިޒާ އިރުކޮޅަކު އިނެވެ.

*******

"ހިދައްތަ މަންމައަށް ފެނުނީޔޯ ތިއްތި ހިދައްތަ މަރާލާފަ އޮއްވާ..." ފިޒާ ތަންކޮޅެއް އުނދަގުލުން ބުނެލިއެވެ.

"އޭނ؟..." އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރަނގަބީލެއް ޖަހައިލިއެވެ. މޭގައި އަތް ޖައްސައިލެވުނީ، އެ މަންޒަރު ހިތަށް ސިފަކޮށްލެވުމުންނެވެ.

"ހަގީގަތަކީ ކޮބައި ކަމެއް ފިޒާއަކަށްވެސް ނޭނގެ... ހިދައްތަ މަރުވެފަ އޮތްއިރު، އަނައްކޮ އުރާލައިގެން ތިއްތި އިނީ ކައިރީގަ ރޯށޯ..." ފިޒާ ކިޔައިދިނެވެ. "ފިޒާއަށް ހީވަނީ، ތިއްތި ގަސްދުގަ މަރާނުލާނެހެން... އެހާ ލޯބިވާ މީހަކު މަރައެއް ނުލާނެއެއްނު ދޯ..."

"ދެން ކީއްވެ ޔާނިޝް ޖަލަށް ނުލީ؟... ޕޮލިހަށް މައްސަލަ ހުށަހެއް ނާޅާތަ؟..." އަހަރެންގެ ސުވާލުތައް ހުހެއް ނުވިއެވެ. ހަގީގަތް އެނގެމުންދިޔަ ވަރަކަށް، އިތުރަށް އެނގެން ބޭނުންވިއެވެ.

"ތަހުގީގު ކުރި... އެކަމަކު ޕޮލިހުން ނިންމީ އަމިއްލައަށް މަރުވީ ކަމަށޯ..." ފިޒާ ބުނެލިއެވެ. "މަރުވުމުގެ ކުރިން ނޯޓެއްވެސް ލިޔެފަ އޮތޭ މަންމަ ކިޔާ އަޑު އެހިން... ދެން ފިޒާއަކަށް ނޭނގެ..."

"ދެން ކީއްވެ އަނައްކޮ ގޭގަ ގެންގުޅެނީ؟... ކީއްވެ ހިދާޔާމެން ގޭ މީހުން އެކުއްޖާ ނުބަލަނީ؟..." އަހަރެން ފުލުފުލުގައި ސުވާލުތައް ކުރަމުން ދިޔައީމެވެ.

"ފިޒާއަކަށް ނޭނގެ ކީއްވެ ކަމެއް... އެކަމަކު އެއް ދުވަހު ހިދައްތަ މަންމަ އައިސް ތިއްތި އަތަށް އަނައްކޮ ދީފަ ދިޔައީ... އޭރު އެންމެ ހަތަރު މަސް..." ފިޒާ އިނީ ފުން ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. "އޭގެ ފަހުން އެ ކުއްޖާ ހޯދާކަށްވެސް އެމީހުން ނާދޭ... ތިއްތި އެކުއްޖާ ގޮވައިގެން ދިޔަސް ނުވެސް ނުކުމެޔޯ..."

"އަޅެ ކީއްވެ؟... ކޮންމެ ގޮތަކަށް ވިހެޔަސް އެމީހުންގެ ލެއެއްނު އެކުއްޖާ ގައިގަ ހުންނާނީ..." އަހަރެން ދެރަވިއެވެ. އާނާ އާއިމެދު ހިތުގައި ހަމްދަރުދީ އުފެދުނެވެ. "އާނާ ނޫޅޭތަ މަންމަ ހޯދާކަށް؟..."

"އަހާ... ބޮޑާވެސް ހާކާނެ މަންމަ ކައިރިއަށް ދާށޭ ކިޔާފަ... ތިއްތި ވަރަށް ލޯބިވާނެ އަނައްކޮދެކެ... އަނައްކޮއަށް ކިރިޔާ ގޮތެއް ވިޔަސް، އެ ނިމުނީ އެހިސާބުން..." ފިޒާ ކިޔައިދިނެވެ. "ބައެއް ފަހަރު ބިރުވެސް ގަނޭ އެކުއްޖާ ގައިގަ އަތްލަންވެސް... އަތްލެވޭ ގޮތަކުންވެސް ތިއްތިއަށް ގޯސްވެދާނެ..."

"ދެން ކީއްވެބާ؟..." އަހަރެންގެ ސިކުނޑި ވަނީ ހިޔާލުތަކުގެ ތެރެއަށް ގެއްލިފައެވެ. ފަހުން ވާހަކަ ދެއްކުނީ އަމިއްލަ ނަފުސާއި ކަމެއްވެސް ނޭނގުނެވެ.

ފިޒާ ނިދަން ދިއުމުންވެސް އަހަންނަށް އިނދެވުނީ އެކި ފިކުރުތަކުގައެވެ. ފިޒާ ދެއްކި ވާހަކަތަކާއިމެދު ވިސްނައިލުމުން، ޖަވާބު ނުލިބޭ އެތައް ސުވާލެއް އަދި ވާކަން އެނގުނެވެ. ޔާނިޝްގެ ކުށެއް ނެތޭވެސް ހިތް ބުނަން ފެށިއެވެ. އެކަމުގެ އެންމެ އަޑި އާއި ހަމައަށް ދާން އަހަރެންގެ ޒަމީރު ގޮވަން ފެށިއެވެ.

ހެނދުނު ހޭލައިގެން އަހަރެމެން ގެއަށް އައިއިރު، ރައުފާ ބަދިގެތެރޭގައި އުޅެއެވެ. އަހަރެން ފެނުމުން ރައުފާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިކަން އެނގުނެވެ.

"މިހާރު ހުންނާނީ ރުޅި އައިއްސަ... އަޅާނުލާ..." ފިޒާގެ މޫނުން ފެނުނީ ފޫހިކަމެވެ.

ގެއަށް އައިސްފައިވެސް އަހަރެން ހުރީ ކޮޓަރިއަށް ވަންނަން ޖެހިލުންވެފައެވެ. ރައުފާ ރުޅި އައިސްފައި ހުރި ނަމަވެސް، ސައި ހަދަން އެހީތެރިވެދިނީމެވެ. ބަދިގޭގައި އުޅެފައި އަހަރެން މައްޗަށް އެރީ އަށެއްވެސް ޖެހިފަހުންނެވެ. ރައުފާ އަނގައިން ނުބުނި ނަމަވެސް އަހަރެން އެކަން މާ ބޮޑު ކަމަކަށް ނުހަދަމެވެ.

އާނާގެ ކޮޓަރި ދޮރު ކުޑަކޮށް ހުޅުވާފައި ހުރުމުން އެތެރެ ބަލައިލީމެވެ. އެނދުގައި އާނާ ނިދާފައި އޮތްއިރު، ކައިރީގައި އިށީނދެލައިގެން ޔާނިޝް އިނެވެ. އޭނާ އެއް އަތުން އާނާގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ކޮޓަރި ތެރޭގައި ހަރުލާފައިވީ ޔާނިޝްގެ މަޑު ގިސްލުމުގެ އަޑެވެ. ރޭގައި ގެއަށް އައިގޮތަށް ޔާނިޝް އިނީ އެތަނުގައި ބާއޭ ހިތަށް އެރިއެވެ. އަހަންނަށް އުނދަގޫ ގޮތަކަށް ހިންދިރުވައިލެވުނެވެ. އެ މަންޒަރު ބަލަން ހުންނަން ކެތްނުވެގެން ގޮސް ކޮޓަރިއަށް ވަނީމެވެ.

ކޮޓަރީގެ ތަރުތީބު އޮތީ ގެއްލިފައެވެ. އަލަމާރި ތެރެއިން ބައެއް އެއްޗެހިތައް ތިރިއަށް ވަރާލާފައިވާއިރު، ކުޑަ ދެތިން ފޮށްޓެއް ހަލާކުކޮށްލާފައި އޮތެވެ. ތަޅުލާފައިވާ އެ ފޮށިތަކުގެ ތަޅު އޮތީ ހަލާކުކޮށްލާފައެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ، ކަބަޑު ކައިރީގައި އޮތް ފެހި ކުލައިގެ ކަރުދާސްކޮޅެއްގައެވެ. ކަރުދާސްކޮޅު ފަތްޖަހާލާފައި އޮތްއިރު، އޭގައި ލިޔެފައި ވަނީ ފަށުވި އިބާރާތްކޮޅެކެވެ. ރީތި އަތުލިޔުމެކެވެ.

"އަހަރެން މިދަނީ މާ ދުރަށް... އެހެނަސް، ތިޔަ ހަނދާންތަކާއިއެކީ... ނުފިލާނޭ ހިތި ހަދިޔާއެއް ދޫކޮށްލުމަށްފަހު، ތިއުފާތަކާއިއެކީ..."

އަހަންނަށް ދެތިން ހަތަރުފަހަރު އެ އިބާރާތްކޮޅު ކިޔައިލެވުނެވެ. އެއީ ހިދާޔާގެ ލިޔުމެއް ހެއްޔެވެ؟ ޔާނިޝްގެ އަތުގައި އޮތީ ކީއްވެ ހެއްޔެވެ؟

އަހަރެންގެ ހިތާއި ސިކުނޑި އަރާރުންވަމުން ދިޔައެވެ. ޔާނިޝްއަކީ މީހަކު މަރާވަރުގެ ގޯސް މީހެކޭ އަހަރެންގެ ހިތެއް ނުބުންޏެވެ. ޔާނިޝް ހިދާޔާ މަރާލިނަމަ، އާނާ މަރާނުލީ ކީއްވެ ހެއްޔެވެ؟ މީހުން ބުނެއެވެ. ގަހަށް ނެތް ލޯތްބެއް ފަތަކަށްވެސް ނުހުންނާނެއެވެ. ހިދާޔާދެކެ ނުވާ ލޯތްބެއް އޭނާގެ ދަރިއަކު ދެކެވެސް ނުވާނެއެވެ. ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ، ތެދަކަށް ނުވާ ފަހަރުވެސް އާދެއެވެ. ފިޒާގެ ވާހަކަތަކުން ހިދާޔާ މަރާލީ ޔާނިޝް ކަން ސާބިތެއް ނުވެއެވެ.

ޔާނިޝްގެ ބަހުގެ ތެދުކަމާއިމެދު އަހަންނަށް ޝައްކުވީ ހިދާޔާގެ ވާހަކަ ދެއްކި ވަގުތު އެ ދެލޮލުން ފެނުނު އަސަރެއްގެ ސަބަބުންނެވެ. އެ ދެލޮލުން ފެނުނީ ނުފިލާނޭ ހިތާމައާއި ހިތްދަތިކަމެވެ. މީހުން ބުނެއެވެ. މީހާގެ ތެދުވެރިކަން އެންމެ ރަނގަޅަށް ހާމަކޮށްދޭނީ އެމީހެއްގެ ދެލޮލުންނެވެ. ޔާނިޝްގެ ދުލުން ހިދާޔާ މަރާލިކަމަށް އެއްބަސްވި ނަމަވެސް، އެ ދެލޮލުން ބުނެދިނީ އެހެން ވާހަކައެކެވެ.

ޔާނިޝް ކޮޓަރިއަށް އައީ އަހަރެން ކޮޓަރި ސާފުކޮށް ނިންމައިލިތަނާއެވެ. އަހަރެން ފެނުމުން، އޭނާ ކުޑަކޮށް ހުއްޓުން އެރި ތަން ފެނުނެވެ. އަހަރެން ދެން ފެންނާނެ ކަމަށް އުއްމީދު ނުކޮށް ހުއްޓައި ފެނުނު ކަހަލައެވެ. ޔާނިޝްގެ ދެލޮލުގައިވީ ރަތްކަމެވެ. ރޭގައި ނުނިދާކަން ކަށަވަރެވެ. އެދެލޮލުގައި އޭރުވެސް ކަރުނައިގެ ތެތްކަން ވިއެވެ. އެތައް ދުވަހަކު ބަލި އެނދުގައި އޮވެފައި ތެދުވެގެން ހުރި މީހަކު ފަދައެވެ.

އަހަންނާއި ހަތަރުކަޅި ހަމަނުކުރަން ޔާނިޝް އިސްޖަހައިލިތަން ފެނުނެވެ. އަހަރެން ހީކުރީ، ވެދިޔަ ކަންތަކުގެ ސަބަބުން އަދިވެސް އަހަރެންދެކެ ހިތްހަމަނުޖެހިފައި ހުރީ ކަމަށެވެ. ޔާނިޝް ފާހާނާއަށް ވަދެފައި ނުކުތް ގޮތަށް، އެނދުގައި އޮށޯތީ އެއްޗެހި ބަދަލުކުރުމެއްވެސް ނެތިއެވެ. އެއްޗެއް ބުނޭތޯ އަހަރެން އިރުކޮޅަކު ކޮޓަރީގައި މަޑުކޮށްލީމެވެ.

އަހަރެން ތައްޔާރުވެލައިގެން ބޭރަށް ނުކުތްއިރު، ކާގެ ތެރެއިން އާނާ ރޯ އަޑު އިވެމުން ދިޔައެވެ. ރައުފާ މަސައްކަތް ކުރަމުން ދިޔައީ އާނާއަށް ގަދަކަމުން ކާންދޭށެވެ. އަހަރެން ފެނުމުން އާނާ ދުވެފައި އައިސް އަހަރެންގެ ހެދުމުގައި ހިފައިގަތެވެ. ރޮއެރޮއެފައި އެތަނުން ގެންދިޔުމަށް ބުންޏެވެ. ރައުފާ ގަދަކަމުން އާނާގެ އަތް ނައްޓުވައިލެވޭތޯ މަސައްކަތް ކުރިއެވެ. އޭރުވެސް އާނާ ހުއްޓާނުލައި ރޮމުން ދިޔައެވެ.

"އާނާ ނުކާކަށްނު އެ އުޅެނީ..." ކެތް ނުވެގެން އަހަންނަށް ބުނެވުނެވެ. "ކުޑަކުދިންނަށް ގަދަކަމުން ކާންދިނުމަކީ އެހާ ރަގަޅު ކަމެއް ނޫން... ކާންދޭ އެއްޗެހިން އެއްވެސް ފައިދާއެއް ނުކުރާނެ..."

"އިއްޔެ މިގެއަށް އައި މީހަކަށް ނޭނގޭނެ ކަންތައް ކުރަންޖެހޭ ގޮތް ކިޔާދޭކަށް..." ރައުފާ ރުޅި އައިސްފައި އަހަރެންގެ މޫނަށް ބަލައިލިއެވެ.

އަހަންނަށް އާނާގެ އަތުގައި ހިފައިލެވުނެވެ. ރައުފާގެ އަތްދަށަށް އެ ކުއްޖާ ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. ރައުފާ ކިތަންމެ ރުޅި އަޔަސް، އަހަންނަކީ އެފަދަ ކަމަކަށް ހިތްވަރުދޭނެ މީހެއް ނޫނެވެ. އާނާ ކަހަލަ މައުސޫމު ކުއްޖަކަށް ބޭނުންވާނީ ލޯތްބާއި އޯގާތެރިކަމެވެ.

"އާނާއަކީ މިހާރު އަހަރެންގެވެސް ދަރިއެއް..." އަހަރެން ބުނީމެވެ. "އާނާ ކާނީ ފަހުން... ދައްތައާ އެކީ ދޯ..."

އާނާ ބޯ ޖަހައިލުމުން، ރައުފާ ރުޅި އައިސްގެން ތަށި މޭޒުމަތީގައި ބަހައްޓާފައި، ކާގެއިން ނުކުމެގެން ދިޔައެވެ. އަހަރެން އާނާ ގޮވައިގެން ނުކުތީ ބަގީޗާއަށެވެ. އޭރު އާނާ ހުރީ ގިސްޖެހިފައެވެ. ހެދުމުގެ އަތުކުރިން އާނާގެ ކަރުނަތައް ފޮހެލަދީފައި އާނާގެ ގައިގައި ނުހަނު ލޯބިން ބައްދައިލީމެވެ. އާނާ އިސާހިތަކު ހަމަޖެހުނެވެ.

"ރައުފައްތަ ގޯސް... އަނައްކޮއަށް ތޮޅޭ..." އާނާ ތުން ފިއްތައިލާފައި ޝަކުވާ ކުރިއެވެ.

"މިދައްތަ ރަނގަޅުތަ؟..." އަހަރެން އަހައިލީމެވެ.

އާނާ ވަގުތުން ބޯ ޖަހައިލިއެވެ. އަހަރެންގެ ހިތަށް ފިނިވެގެން ދިޔައެވެ. ހިދާޔާގެ ވާހަކަ އެނގުނުފަހުން، އަހަންނަށް އާނާ ހާއްސަވެއްޖެއެވެ. އެކުއްޖާފުޅުގެ ކުށެއްނެތި، އެންމެން އިހުމާލުވެފައިވާ ކަމުގައި ހިތް ބުންޏެވެ. އަހަރެން ދެން އެ ފުރުސަތެއް ނުދޭނަމެވެ. ގެއްލިގައިވާ މާމަކާފަގެ ލޯބިވެސް އާނާއަށް ހޯދައިދޭނަމެވެ.

"ކޯއްޗެއް އަނައްކޮ ކާން ބޭނުމީ؟..." އަހަރެން ވަރަށް ލޯބިން އަހައިލީމެވެ.

"މެންގޯ..." އާނާ މައުސޫމު ގޮތަކަށް ބުނެލިއެވެ.

"ހިނގާ ދޯ މެންގޯ ގަންނަން..." އަހަރެން ތެދުވެ ހިންދެމިލީމެވެ.

އާނާގެ އަތުގައި ހިފައިގެން ސިޑިން އަރައިގެން ދިޔައިރު، ސިޓިންގްރޫމުގައި ރައުފާ ލޯ އަޅާލައިގެން ބަލަން ހުއްޓެވެ. ކޮޓަރިއަށް ވަންގޮތަށް އާނާ ދުއްވައިގަތީ އެނދާއި ދިމާއަށެވެ. ނިދާފައި އޮތް ޔާނިޝްގެ ގައި މައްޗަށް ނާރަނީސް އަހަންނަށް ހިފަހައްޓައިލެވުނީ ކިރިޔާއެވެ.

"ޝްޝްޝް.. ޑެޑީ ނިދާފައެއްނު އެއޮތީ... އުނދަގޫ ކުރާކަށް ނުވާނެ..." އަހަރެން އާނާ ހުއްޓުވީ، އެކުއްޖާ އުރާލުމަށް ފަހުގައެވެ. "ޑެޑީ ހޭލައިފިއްޔާ ފިހާރައަކަށް ނުދެވޭނެ..."

ވޮލެޓު ފެނުމުން އާނާ އުފަލުން ތެޅިގަތެވެ. ދެމީހުން ބޭރަށް ނުކުތްއިރު، މޫސުން ރީއްޗެވެ. ވިއްސާރައިގެ އެއްވެސް އަސަރެއް ނެތެވެ. އާނާ ގޮވައިގެން ދުރަށް ދާން ފަސޭހަ ނުވާނެތީ އަހަރެން ނިންމީ ކުރިމަތީގައި ހުރި ފިހާރައަށް ވަންނާށެވެ. ފިޒާ ބުނެފައި އޮތް ވާހަކަ ހަނދާނުގައި ހުރި ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދެމެވެ. ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް، އަހަރެންގެ ފަރުވާލެއް ނެތެވެ.

ފިހާރައިގެ ދޮރު ހުޅުވައިލުމާއިއެކު، ކައުންޓަރުގައި އިން މުސްކުޅި ފިރިހެންމީހާ އަހަންނާއި ދިމާއަށް ބަލައިލީ ފާޑަކަށެވެ. އަހަރެން އެތަނުން ފެންނާނެ ކަމަށް އޭނާ އުއްމީދު ނުކުރާ ކަހަލައެވެ. އަހަރެން އެކަން މާ ބޮޑު ކަމަކަށް ނުހަދަމެވެ. މޭވާކޮޅެއް ނަގައިގެން އައިސް ކައުންޓަރުމަތީގައި ބަހައްޓައިލީމެވެ.

"ތިކަންތައް އަވަހަށް ހުއްޓާލާ..." ފައިސާ ދޭންވީވަރު ބުނުމުގެ ބަދަލުގައި މުސްކުޅިމީހާ ފެށީ އެހެން ވާހަކައެކެވެ.

"ކީކޭ؟...." އަހަރެން ހީކުރީ އަޑު އިވުނުގޮތް ގޯހީ ކަމަށެވެ.

"ވަދެގެން ތިއުޅެނީ މާ ރަނގަޅުތާކަށް ނޫނޭ މިބުނީ..." މޭވާތައް ކޮތަޅަށް އަޅަމުން އޭނާ ވާހަކަ ދެއްކިއެވެ.

(ނުނިމޭ)