24 Sep 2022, 23:08
ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި މިއަދު ރާއްޖެއާ ލާއޯސް ބައްދަލުކުރި މެޗު ރާއްޖެ ކާމިޔާބުކޮށްފިއެވެ.
ބްރުނާއީގެ ސުލްތާން ހަސަނަލް ބޮލްކިއާ ސްޓޭޑިއަމްގައި ކުޅުނު މިމެޗު ރާއްޖޭގެ ޓީމު ކާމިޔާބުކުރީ 3-1 އިންނެވެ. މިދިޔަ ބުދަ ދުވަހު ބުރުނާއީ އާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ކާމިޔާބުކުރުމުން، މިއަދުގެ މެޗަށްވެސް ދިވެހި ޓީމުން ނުކުތީ މޮޅުވާނެ ކަމުގެ ޔަގީންކަމާއެކުގައެވެ.
މިއަދުގެ މެޗުގައި ރާއްޖެއަށް ގޯލް ހުޅުވާލަ ދިނީ ހަސަން ރާއިފް އަހުމަދެވެ. މިއީ މިއަހަރުގެ ތެރޭގައި އޭނާ ގައުމީ ޓީމަށް ޖެހި ތިން ވަނަ ލަނޑެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލާއޯސްއިން ވަނީ 42 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ލާއޯސްއަށް ޖަހައިދިނީ ކެޕްޓަން ބޯންޕަޗަން ބޯކޯންއެވެ.
މެޗުގައި ރާއްޖޭގެ ޓީމަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ 60 ވަނަ މިނެޓް ތެރޭގައި ހުސައިން ނިހާނެވެ. ރާއްޖޭގެ ޓީމަށް ތިންވަނަ ލަނޑު ޖަހައިދިނީ 67 ވަނަ މިނެޓް ތެރޭގައި އިބްރާހިމް ވަހީދެވެ.
މިއަދުގެ މެޗުގައި ރާއްޖެ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީގެ ކަކުލަށް އަނިޔާވުމުގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފައެވެ.
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތައް ކުޅުމަށް ބުރުނާއީއަށް ކުރި ދަތުރުގައި ލާއޯސްއާ އެކު ކުޅުނު މެޗުން ރާއްޖެ މޮޅުވިއިރު ލާއޯސްއަކީ ފީފާ ރޭންކިންގައި ރާއްޖެއަށްވުރެ ދަށުގައި އުޅޭ ގައުމެކެވެ. ފީފާ ރޭންކިންގައި ރާއްޖެ ހިމެނެނީ 155 ވަނައިގައެވެ. ލާއޯސް އުޅެނީ 183 ވަނައިގައެވެ.
ރާއްޖޭގެ ގައުމީ ޓީމުން ތަޖުރިބާ ހޯދަން، ރާއްޖެއަށްވުރެ ދަށް ޓީމުތަކާ ރަހުމަތްތެރިކަމުގެ މެޗްތައް ކުޅޭ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އެފްއޭއެމަށް ފާޑުކިޔަމުންނެވެ.