އެންމެ ފެންވަރު ރަނގަޅު އެއާލައިންގެ އެވޯޑް ގަތަރު އެއާވޭސް އިން ހަތްވަނަ ފަހަރަށް ހޯދައިފިއެވެ.

އެއާލައިންތަކުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑުތައް ދޭ "ސްކައިޓްރެކްސް ވޯލްޑް އެއާލައިން އެވޯޑްސް"އިން ހާމަކޮށްފައިވާ ގޮތުގައި ގަތަރު އެއާވޭސްއަށް އެންމެ ރަނގަޅު އެއާލައިންގެ އެވޯޑު ލިބިފައިވަނީ 100 އަށްވުރެ ގިނަ ގައުމުގައި 14 މިލިއަނަށް ވުރެ ގިނަ މީހުން ހިމަނައިގެން ކުރިއަށްގެންދިޔަ ސާވޭއަކަށް ފަހުއެވެ.

ގަތަރު އެއާވޭސްއަށް ބެސްޓް އެއާލައިންގެ އެވޯޑުގެ އިތުރުން ބެސްޓް ބިޒްނަސް ކްލާސް، ބެސްޓް ބިޒްނަސް ކްލާސް ސީޓް، އަދި ބެސްޓް ބިޒްނަސް ކްލާސް ލޯންޖް ޑައިނިންގެ އެވޯޑު ވެސް ވަނީ ލިބިފައެވެ.

އެ އެވޯޑު ލިބުމުން ގަތަރު އެއާވޭސްގެ ޗީފް އެގްޒެކެޓިވް އަކްބަރު އަލް ބާކިރު ވަނީ އެ ކުންފުނީގެ ހީވާގި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އަހަރަކީ އެ ކުންފުނީގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރާ އަހަރަށްވެފައި މިފަދަ އެވޯޑެއް ލިބުމަކީ ލިބުނު އުފާވެރިކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވާފައެވެ.

ސްކައިޓްރެކްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދެވަނައަށް އެންމެ ރަނގަޅު އެއާލައިނަކީ ސިންގަޕޫރު އެއާލައިންސް އެވެ. އަދި އެމަރޭޓެސްއަށް ތިން ވަނަ ލިބިފައިވާއިރު، ޖަޕާނުގެ އޯލް ނިޕޮން އެއާވޭސްއަށް ވަނީ ހަތަރު ވަނަ ލިބިފައެވެ.

ޔޫރަޕުގެ ބެސްޓް ލޯ ކޯސްޓް ކެރިއާ ނުވަތަ އަގުހެޔޮ އެއާލައިންތަކުގެ ތެރެއިން އެންމެ ރަނގަޅު އެއާލައިންގެ އެވޯޑް ލިބުނީ އެ ބައްރުގެ އަޔަލެންޑަށް ނިސްބަތްވާ ރަޔަންއެއާއަށެވެ. އެއީ އެ ކުންފުނީގެ 37 އަހަރުގެ ތާރީޚުގައި ލިބުނު އެންމެ ބޮޑު އެއް އެވޯޑެވެ.

ސްކައިޓްރެކްސްގެ އެންމެ ރަނގަޅު އެއާލައިންގެ އެވޯޑު ގަތަރު އެއާވޭސްއަށް ލިބިފައިވާއިރު، މީގެ ދެ މަސް ކުރިން އެއާލައިންރޭޓިންގްސް.ކޮމްގެ އެންމެ ރަނގަޅު އެއާލައިންގެ އެވޯޑުވެސް އެ ކުންފުންޏަށް ވަނީ ލިބިފައެވެ.