02 Apr 2012, 11:00
މިދިޔަ އަހަރުގެ މާޗް މަހު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު،21ގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ދެ މީހުންގެ މައްޗަށް ކުށްސާބިތު ކުރުމަށް މަންޒަރު ދުށް ދެ މީހަކާއި އިތުރު ތިން މީހަކު ހެކީންގެ ގޮތުގައި ޝަރީއަތަށް ހުށަހަޅައިފި އެވެ.
އެ މައްސަލާގައި ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ ލިބެނީ މުޖުތަމައުއަށް ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނާ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް އާއި މއ. ވީނަސްތަރި ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށެވެ.
ހެކީންގެ ގޮތުގައި ދައުލަތުން ހުށަހެޅީ ފަސް މީހެކެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ އެ ފަސް މީހުންގެ ތެރެއިން ދެ މީހުންނަކީ އަހުސަން ބަޝީރުގެ ގަޔަށް ތޫނުއެއްޗަކުން ހަމަލާދިން މަންޒަރު ދުށް ދެމީހުން ކަމަށެވެ. އަދި އަނެއް ތިން މީހުންނަކީ އަހުސަން ބަޝީރަށް ހަމަލާދިނީ ޝަހުމް އާއި ޝިމާޒު ކަމަށް އަހުސަން ބަޝީރު ހޮސްޕިޓަލުގައި އޮވެގެން އެމީހުން ކައިރީ ބުނެފައިވާ ތިން މީހުން ކަމަށެވެ.
ހެކި ހުށަހެޅުމަށް ފަހު ދައުލަތުގެ ވަކީލު ވަނީ ހެކިން ސިއްރުކޮށް ދެއްވުމަށް ކޯޓުގައި އެދިފަ އެވެ. ހެކި ސިއްރުކުރަނީ ކީއްވެގެންތޯ ގާޒީ އެއްސެވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ހެކިން ސިއްރު ކުރަން ބޭނުން ވަނީ ހެކިބަސް ދޭން ތިބި މީހުންގެ ރައްކާތެރި ކަމަށްޓަކައި ކަމަށެވެ.
ހެކީންގެ އިތުރުން ގަރީނާގެ ގޮތުގައި އަހުސަން ބަޝީރުގެ މަރުގެ ރިޕޯޓާއި މެޑިކޯލީގަލް ރިޕޯޓު އަދި ވަޅިހަރާލުމުން އަހުސަން ބަޝީރު ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް، ލިބިފައިވާ ޒަޚަމްތައް ފެންނާނެހެން ނަގާފައިވާ ފޮޓޯ އެއް ވެސް ދައުލަތުން ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ.
ހެކި ހުށަހެޅުމުން އެކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ޝަހުމްގެ ވަކީލަށް ފުރުސަތު ހުޅުވާލުމުން ވަކީލު ވިދާޅުވީ އެ މައްސަލައިގެ ލިޔެކިޔުންތައް އަދި ލިބިފައިނުވާ ކަމަށާއި ޖަވާބުދެވޭނީ ލިޔުންތައް ލިބުމުން ކަމަށެވެ.
ވަކީލަކު އައްޔަންކޮށްފައި ނުވާ ޝިމާޒު ބުނީ އެކަމާއިގުޅިގެން ބުނާނެ އެއްޗެއް ނެތް ކަމަށެވެ.
"އަޅުގަނޑު ބުނާނެ އެއްޗެއް ނެތް،" ޝިމާޒު ބުންޏެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގާނެ ކަމަށް އިއުލާންކުރެއްވުމަށް ފަހު އެވެ.