މިހާރު ކުރިއަށްދާ މައިލޯ ޓީ ޓްވެންޓީ ކްރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް މިލާން ކްރިކެޓް އެކަޑަމީ އާއި އައިޒީ ކާމިޔާބުކޮށްފިއެވެ.

ކްރިކްޓް އެއް ނަމްބަރު ދަނޑުގައި މިއަދު ކުޅުނު ފުރަތަމަ މެޗު، މާލޭ ސްޕޯޓްސް ކްލަބާ ބައްދަލުކޮށް 37 ލަނޑުން ކާމިޔާބުކުރީ މިލާން ކްރިކެޓް އެކަޑަމީއެވެ. ޓޮސް ދިމާވުމުން މިލާން ގަސްދުކުރީ ކުޅުމަށެވެ. 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން މިލާންއަށް ހެދިފައިވަނީ 181 ލަނޑެވެ. މިމެޗުގައި އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިއަކީ 28 ބޯޅައަށް 47 ލަނޑު ހެދި އާދަމް ނާސިފެވެ.

ޖަވާބުގައި މާލޭ ސްޕޯޓްސް ކްލަބް ކުޅެންއަރާ 20 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 144 ލަނޑެވެ. މާލޭ ސްޕޯޓްސް ކްލަބަށް އެންމެ ގިނަ ލަނޑު ހަދައި ދީނީ 21 ބޯޅައަށް 39 ލަނޑު ހެދި މުހަންމަދު ސިޔާމެވެ.

މިއަދު ކުރިއަށްދިޔަ މައިލޯ ޓީ ޓްވެންޓީ ކްރިކެޓް މުބާރާތުގެ ތެރެއިން-- ފޮޓޯ/ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސް

މިއަދު ކުޅުނު ފަހު މެޗުގައި އައިޒީ އާއި ނިއުސްޓާ ބައްދަލުކުރި މެޗު ނިއުސްޓާ ކާމިޔާބުކުރީ 23 ލަނޑުންނެވެ. ޓޮސް ދިމާވުމުން ނިއުސްޓާ ގަސްދުކުރީ ހޮވުމަށެވެ. އައިޒީ ކުޅެންއަރާ ހަތަރު ކުޅުންތެރިން ނުބައިވެގެން 20 އޯވަރުގައި ހެދިފައަވަނީ 170 ލަނޑެވެ. މި މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 45 ލަނޑު ހެދި ސުދޭސް އާއި 41 ލަނޑުހެދި ކެޕްޓަން މުހަންމަދު އަފްލާހްއެވެ.

މައިލޯ ޓީ ޓްވެންޓީ ކްރިކެޓް މުބާރާތުގެ މެޗެއް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މާލޭ ސްޕޯޓްސް ކްލަބާއި މާލޭ ވެޓްރަންސްއެވެ. ދެވަނަ މެޗުގައި ކޮމެޓްސް ނިކުންނާނީ ވިޔާންޒާ އާ ދެކޮޅަށެވެ.