ދުރާލާ ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ކިރިގިސްތާނަށް ދެވޭ ގޮތް ހަމަޖައްސައިފިއެވެ.

އެކަމާ ގުޅޭ އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ.

ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި ކިރިގިސްތާނުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޒީންބެކް ކުލުބައެވްއެވެ.

އިއްޔެ ސޮއިކުރި އެ އެއްބަސްވުމުގެ ދަށުން ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ކިރްގިސްތާނަށް ގޮސް އެ ގައުމުގައި 30 ދުވަހުގެ މުއްދަތަކަށް ތިބެވޭނެއެވެ.

ނަމަވެސް އެއަށް ވުރެ ދިގު މުއްދަތަކަށް ދަތުރުކުރާނަމަ ފުރުމުގެ ކުރިން ދުރާލާ ވިސާ ހޯދަންޖެހެއެވެ.

ވިސާ ނެގުމަކާ ނުލައި ގިނަ ގައުމުތަކަކަށް ދިވެހިންނަށް މިހާރު ވެސް ދެވެއެވެ. އެގޮތުން މި މަހުގެ ތެރޭގައި ކަޒަކިސްތާނަށް ވެސް ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދެވޭ ގޮތް ވަނީ ހަމަޖައްސާފައެވެ.