27 Jul 2010, 11:00
19:00
ޖުޑިޝަލް ސާވިސް ކޮމިޝަންގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް ގިނަ އަދަދެއްގެ މީހުން އެ ކޮމިޝަން ދޮށަށް އެއްވެ އެ ކޮމިޝަންގެ ރައީސް މުޖުތާޒު ފަހްމީގެ އިސްތިއުފާ އަށް ގޮވައިފި އެވެ.
މިއަދު މެންދުރު ޖުޑީޝަލް ސާރވިސް ކޮމިޝަން ދޮށަށް އެއްވި މީހުން ގޮވަމުންދިޔައީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ޖޭއެސްސީގެ މަސައްކަތަށް ކުރިއަށް ގެންދިއުމަށާއި އަދި ފަނޑިޔާރުން އެމީހުންގެ ވާޖިބުތައް އަދުލު ވެރިކަމާއެކު ރަނގަޅަށް އަދާކުރުމަށެވެ. އަދި އެ ކޮމިޝަންގެ ރައީސް މުޖްތާޒު ފަހުމީ ޢަމަލުކުރައްވަމުން ގެންދަވާ ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ އެއްވެ ތިބި މީހުން ވަނީ މުޖްތާޒު ފަހުމީގެ އިސްތިއުފާއަށާއި އޭނާ ހައްޔަރުކުރުމަށް ގޮވައިފަ އެވެ.
އެ ސަރަހައްދަށް މީހުން އެއްވުމާ ގުޅިގެން ފުލުހުން ވަނީ ތީމުގޭ ދެކުނު ފަރާތު މަގު ދެކޮޅުން ބަންދުކޮށްފަ އެވެ. ނަމަވެސް ލޯކަލް މާރުކޭޓާ ވީ ފަޅި ފުލުހުން ބަންދުނުކުރާތީ މީހުންވަނީ އެފަޅިން ވަދެ ތީމުގޭ ދޮރާށި ކައިރިއަށް އެއްވެފަ އެވެ. އަދި އެސަރަހައްދު ބަންދުކޮށްފައި ވަނިކޮށް އެ ސަރަހައްދު ފުލުހުންގެ ސަފުތައް ރޫޅާލަން ބައެއް މީހުން ވަނީ މަސައްކަތް ކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ސަރަހައްދަށް އެއްވި މީހުން ފޮނުވާލުމުގެ މަސައްކަތް ކުރިއިރު ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފަނޑިޔާރުން ދާއިމީ ކުރުމަށް މިއަދު ޖުޑީޝަލް ސާރވިސް ކޮމިޝަންގައި ބޭއްވި އެބައްދަލުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖުޑީޝަލް ސާރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރު އައިޝަތު ވެލެޒިނީ މިއަދު އެ ބައްދަލުވުން ކުރިއަށްދިޔަ ވަގަތު ބޭރަށް ނިކުމެވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ފަނޑިޔާރުން ދާއިމީ ކުރުމާ ގުޅޭ ގޮތުން ވަރަށް ގިނަ ކަންތައްތައް އެކި މެމްބަރުން އެކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި އެކަން ކަމަށް ރިޢާޔަތް ކުރުމަށް މިއަދުގެ ޖަލްސާގައި އެދިވަޑައިގެންފައިވާ ކަމަށް ވެސް ވެލެޒިނީ ވިދާޅުވި އެވެ. ނަމަވެސް އެކަމަށް ރިޔާސަތުން ފުރުސަތު ދެއްވާފައިނުވާ ކަމަށް ވެސް ވެލެޒިނީ ވިދާޅުވި އެވެ.
ޖުޑީޝަލް ސާރވިސް ކޮމިޝަން ކައިރި އަށް މީހުން އެއްވެފައި ވަނީ އަންނަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހު މުއްދަތުވާ ހަމަވާ އިންތިގާލީ މަރުހަލާ ނިމުމުގެ ކުރިން ފަނޑިޔާރުން ދާއިމީ ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ވެލެޒިނީ ވިދާޅުވި އެވެ.
"ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު" ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެކުލަވާލާފައި ވަނީ، ޤާނޫނު ހަމަތަކުގެ މަތިން ނޫން ކަމަށް ވިދާޅުވެ އެ މިންގަނޑު އަލުން އިސްލާހު ކުރުމަށް ވެލެޒިނީ ވަނީ ހުށަހަޅުއްވައިފަ އެވެ.