ތަރުތޫސް (24 ސެޕްޓެމްބަރު 2022): ޔޫރަޕަށް ޣައިރު ގާނޫނީ ގޮތުން ހިޖުރަކުރުމަށްޓަކައި އެތައް ސަތޭކަ ބަޔަކު ތޮއްޖެހިގެން ކުޑަ ބޯޓެއްގައި މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ދަތުރުކުރަމުން ދަނިކޮށް އެ ބޯޓް ސޫރިޔާގެ އައްސޭރިފަށުގެ ކައިރިން ބަންޑުންޖަހާލުމުގެ ސަބަބުން ގެނބިގެން މަރުވި މީހުންގެ އަދަދު 80އަށް އަރައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މި ބޯޓުގައި ގިނައިން ތިބީ ލުބްނާނުގައި ވަރަށް ދަތިހާލުގައި ދިރިއުޅެމުން ދިޔަ ސޫރިޔާގެ ރެފިއުޖީންނެވެ. ނަމަވެސް ލުބްނާނުގެ ރައްޔިތުންވެސް ތިބި ކަމަށްވެއެވެ. މިދަތުރު ރާވައި އިންތިޒާމުކުރި ކަމަށް ބެލެވެނީ ޔޫރަޕަށް ޣައިރު ގާނޫނީ ގޮތުން ހިޖުރަވެރިން ގެންދާ ސިއްރު ޖަމާއަތަކުންނެވެ.

ފަރުވާދިނުމަށް ސޫރިޔާގެ ތަރުތޫސް ހޮސްޕިޓަލަށް މީހުން ގެންދަނީ

ސޫރިޔާގެ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށްޓަކައި ސޫރިޔާގެ މިލިޔަނަކަށްވުރެ ގިނަމީހުން ރެފިއުޖީންގެ ގޮތުގައި ލުބްނާނަށް ހިޖުރަކޮށްގެން ލުބްނާނުގެ އެކިތަންތަނުގައި ވަރަށް ދަތި ހާލުގައި ދިރިއުޅެމުން ގެންދެއެވެ. ދަތިހާލުގައި ދިރިއުޅޭތީ އެމީހުން ތިބެނީ ޔޫރަޕަށް ޣައިރު ގާނޫނީ ގޮތުން ހިޖުރަ ކުރުމުން ލިބޭ ގެއްލުންތަކާއި އުނދަނގޫތަކާއި ނުރައްކާތައްވެސް ތަހައްމަލުކުރަން ތައްޔާރަށެވެ.

މިގޮތުން ގެނބިގެން މަރުވިޔަސް ހެޔޮކަމަށް ދެކި އެމީހުން ކުދިކުދި ބޯޓުތަކުގައި މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ދަތުރުތައް ކުރެއެވެ. އަދި މިގޮތަށް ދަތުރުކުރާ ކުދި ބޯޓުތަކުގައި މީހުން ތޮއްޖެހުމުގެ ސަބަބުން އަރިއަޅާލައި ބަންޑުންޖަލާހައިގެން ގިނަ ބަޔަކު މަރުވަމުން ދެއެވެ.

ލުބްނާނާއި ސޫރިޔާގެ ކޯސްޓް ގާޑު ބުނާގޮތުން އިއްޔެ ބަންޑުންޖަހާލި ބޯޓުގައި ތިބި މީހުންގެ ތެރެއިން ގެނބިގެން މަރުވި ގިނަމީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އަންހެނުންގެ ތެރޭގައި މާބަނޑު އަންހެނުންވެސް ހިމެނެއެވެ. މި ކާރިސާގެ ސަބަބުން ލުބްނާނަށާއި ސޫރިޔާގެ އާންމު ރައްޔިތުންނަށްވަނީ ކުއްލި ޝޮކެއް ލިބިފައެވެ. އަދި މަރުވި މީހުންގެ ގާތްތިމާގެ މީހުންވަނީ ފުން ހިތާމައަކާ ކުރިމަތިލާންޖެހިފައެވެ.

ލުބްނާނުގެ އިގްތިސާދީ ހާލަތުވެސް މިހާރުއޮތީ ވަރަށް ގޯސްކޮށެވެ. އެއީ ކޮވިޑްގެ ސަބަބުން ދަށްވި އިގްތިސާދު އަދިވެސް އަރައި ނުގަންނާތީއާއި ލުބްނާނުގެ ސަރުކާރުގައި ހިޒްބުﷲ ޖަމާއަތް ބައިވެރިވާތީ އެމެރިކާއިން ލުބްނާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވުމުގެ ސަބަބުންނެވެ.

މަރުވި މީހުންގެ އާއިލާތައް ހިތާމަ ކުރަނީ

އެމެރިކާއިން ހިޒްބުﷲ ދެކެ ރުޅިއަންނަނީ އަދި އެއީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރަނީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ދެކޮޅަށް އެޖަމާއަތުން ޖިހާދުކުރާތީއެވެ. ހިޒްބުﷲ އޮންނާތީ އިސްރާއީލު ބޭނުންހާގޮތެއް ލުބްނާނަށް ހަދައެއް ނުލެވެއެވެ. ހިޒްބުﷲ އާ އަސްކަރީ ގޮތުން ކުރިމަތިލާން އިސްރާއީލު އިންތިހާއަށް ޖެހިލުންވެއެވެ. އެއި 2006 ވަނަ އަހަރު ހިޒްބުﷲ އާ ކުރިމަތިލައިގެން އަސްކަރީގޮތުން އިސްރާއީލު ބަލިވުމުގެ އިތުރުން ހިޒްބުﷲ އިން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާތީއެވެ.

ސޫރިޔާގެ ކޯސްޓްގާޑުން ގެންދަނީ ރެފިއުޖީ ބޯޓު ބަންޑުންޖަހާލި ތަނަށްގޮސް ކަނޑުވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތާއި މަރުވި މީހުންގެ ހަށިތައް ސޫރިޔާގެ ބަނދަރުމަތީ ރަށް ކަމުގައިވާ ތަރްތޫސްއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މަރުނުވަނީސް ކަނޑުމަތިން ނެގިމީހުން ތަރުތޫސްގެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ވަނީ ފަށާފައެވެ. ތަރްތުސް އޮންނަނީ ލުބުނާނުގެ ބަނދަރުމަތީގެ ސިޓީއެއް ކަމަށްވާ ޓްރިޕޮލީގެ އުތުރުން 50 ކިލޯމީޓަރު ދުރުގައެވެ.

މި ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުވެސް މިފަދަ ހާދިސާއެއް ހިނގައި ހަ މީހުން މަރުވެފައިވެއެވެ. އެ ބޯޓު ފެތިފައި ވަނީ ތުރުކީވިލާތުގެ ޕުރޮވިންސެއް ކަމުގައިވާ މުޣުލާގެ އައްސޭރިފަށަށެވެ. އެ ހާދިސާގައި ތުރުކީގެ ކޯސްޓް ގާޑުން ވަނީ 73 މީހުން ސަލާމަތް ކޮށްފައެވެ.