24 Sep 2022, 10:47
އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދައި، އެ ބަލިން ރަނގަޅުވި މީހަކު ދަތުރުކުރި މަތިންދާބޯޓުގެ ކެޕްޓަން އޭނާގެ ހިތްވަރަށް ސާބަސްދީ ބޯޓުމަތީގައި އެކަން ފާހަގަކޮށްފިއެވެ.
އެމެރިކާގެ ސައުތުވެސްޓް އެއާލައިންސްއިން ދަތުރުކުރި ޖީލް އޯލްދަމް ކިޔާ އަންހެނަކަށް ފްލައިޓުގައި ދިމާވީ ވަރަށް ތަފާތު ކަމެކެވެ. އޭނާ ހަވާއީއަށް ދިޔުމަށް ދަތުރު ފެށީ އުރަމަތީގެ ކެންސަރުން ސަލާމަތްވުމުން އެކަމުގެ އުފާ ފާޅު ކުރުމަށެވެ. ނަމަވެސް އެ ބޯޓު ނައްޓާލުމުގެ ކުރިން ބޯޓުގެ ޕައިލެޓު ހުރިހާ ފަސިންޖަރުންނަށް ހާއްސަ މެސެޖެއް އިއްވާލިއެވެ.
"އަހަރުމެންނާއެކު މި ފްލައިޓުގައި ވަރަށް ހާއްސަ ފަސިންޖަރެއް މިއަދު ދަތުރުކުރޭ. އޭނާ ހަވާއީއަށް މިއަދު އެ ދަތުރުކުރަނީ އުރަމަތީގެ ކެންސަރާ ހަނގުރާމަ ކުރުމަށްފަހު އެ ބަލިން ސަލާމަތްވެގެން،" ޕައިލެޓުގެ މި އިއުލާންވީ ފްލައިޓުގައި ދަތުރުކުރި އެންމެންނަށް ވެސް ސިހުން ގެނުވި ކަމަށެވެ.
އެ އިއުލާނާއެކު ފްލައިޓުގައި އޯލްދަމްއާއެކު ދަތުރުކުރި އެންމެން އަތް ޖަހައި އޭނާއަށް ހިތްވަރުދީ ހެދިއެވެ. އަދި، އެ އުފާވެރި ވަގުތުކޮޅަށްޓަކައި އޭނާ ވަނީ ސައުތުވެސްޓް އެއާލައިނަށް ޝުކުރު އަދާކޮށްފައެވެ.
"އަހަރެން އަބަދުވެސް މިކަން ހަނދާން ހުންނާނެ،" އޯލްދަމް ބުންޏެވެ.
އެ ހާދިސާ ދައްކުވައިދޭ ކުރު ވީޑިއޯ މިހާތަނަށް 6.8 މިލިއަނަށް ވުރެ ގިނަ ފަހަރު މީހުން ބަލާފައިވާ އިރު ގިނަ ބަޔަކު ވަނީ ޕައިލެޓަށް ވެސް ތައުރީފުކޮށްފައެވެ. އަދި އެއީ، އުފާފާޅު ކުރުމުގެ ގޮތުން ކުރި ކުޑަ ކަމެއް ނަމަވެސް، އެއީ ހާއްސަ ކަމެއް ކަމަށް ވީޑިއޯ ޝެއާކުރި ގިނަ ބަޔަކު ވަނީ ބުނެފައެވެ.
View this post on Instagram