24 Sep 2022, 11:13
މ. މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ މުލަކުގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ނަމަވެސް އެ މައްސަލަ ބަލަމުންދާ ކަމުގެ އިތުރުން އެހެން ތަފްސީލެއް ފުލުހުން ހާމަނުކުރެއެވެ.
ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައާ ގުޅިގެން މުލަކު ކައުންސިލުގެ ރައީސް އަހުމަދު ޖަމާލް މިއަދު "ސަން"އަށް ވިދާޅުވީ ސައިކަލުގައި ރޯކޮށްލައިފައިވަނީ ރޭގެ ވަގުތެއްގައި ނަމަވެސް އެކަން އެނގުނީ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
ޖަމާލް ވިދާޅުވީ އެ ހާދިސާ ހިނގައިދިޔަ ގޮތުގެ އެއްވެސް މައުލޫމާތެއް އަދި ނޭނގޭ ކަމަށެވެ.
ރޯކޮށްލާފައިވާ ސައިކަލުގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު، އެ ސައިކަލު އަނދާ އަޅިއަށް ވެފައިވާތަން އެ ފޮޓޯތަކުން ފެނެއެވެ.
މިދިޔަ ފެބްރުއަރީ މަހު ނ. މިލަދޫގައި ވެސް ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައެއް ފެންމަތިވިއެވެ. އެ ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލީ މަސްތުވާތަކެތި ވިޔަފާރިކުރަން އުޅުނު މީހަކު ހުއްޓުވުމުންނެވެ.
މީގެ އިތުރުން ފުލުހުންނަށް އިންޒާރުދީ، ހަމަލާ ދިނުމުގެ އިތުރު މައްސަލަތަކެއް ވެސް ފާއިތުވި ދުވަސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.