24 Sep 2022, 11:40
މާލޭގައި އެއް އާއިލާއެއްގެ މެންބަރުންގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިން އަންހެނަކު ފިރިހެނެއްގެ ބޮލަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ ގެއެއްގެ ތެރޭގައި ހިންގި ހަމަނުޖެހުމެއްގެ މައްސަލަ އިއްޔެ ހަވީރު 16:20ހާއިރު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.
މިހާތަނަށް ބެލިބެލުމުން އެ ހަމަނުޖެހުން ހިނގީ އާއިލާއެއްގެ ތެރޭގައި ހިނގި ދެބަސްވުމެއްގެ ތެރެއިންކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހަމަނުޖެހުމުގައި އެއްޗަކުން ބޮލުގައި ޖެހުމުގެ ސަބަބުން ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގެ ވީޑިއޯ ކަމަށް ބެލެވޭ ވީޑިއޯއެއް ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށައިފައެވެ.
އެ ވީޑިއޯގައި، ގްރައުންޑް ފްލޯގައި ހުރި ގެއެއްގެ ތެރޭގައި ދެ އަންހެނުންނާއި ފިރިހެނަކު ޒުވާބުކުރާ މަންޒަރު ފެނެއެވެ. އެމީހުން ކައިރީގައި އިތުރު ފިރިހެނަކު ހުންނަތަން ވެސް ވީޑިއޯއިން ފެނެއެވެ.
އެ ޒުވާބު ހޫނުވެ، އެއް އަންހެނަކު ފިރިހެން މީހާގެ ބޮލުގައި އެއްޗަކުން ޖަހާ މަންޒަރާއި އޭނާގެ ބޮލުން ލޭ ފައިބާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެ ސަރަހައްދުގައި ތިބި މީހުން އެ ހަމަނުޖެހުން ހުއްޓުވަން މަސައްކަތް ކުރާ ތަން ވެސް ވީޑިއޯއިން ފެނެއެވެ.