މީހާގެ ރީތިކަމާއި ޒުވާންކަން ދެމެހެއްޓުމަށް ހާއްސަ އުފެއްދުންތައް ތައްޔާރުކުރާ ދާއިރާ ކަމަށްވާ ސްކިންކެއާ ދާއިރާއަށް ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ބްރެޑް ޕިޓް ވެސް ވަދެ، އޭނާގެ އަމިއްލަ އާ އުފެއްދުންތަކެއް ނެރެފިއެވެ.

'ލެ ޑޮމެއިން'ގެ ނަން ދީފައިވާ އެ ސްކިން ކެއާ އުފެއްދުންތަކަކީ، ދެ ޖިންސަށް ވެސް ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ ޕްރޮޑަކްޓުތަކެކެވެ. އެ ކުންފުނީގެ ވެބްސައިޓުން ބުނާ ގޮތުން، އެ އުފެއްދުންތަކުން މީހުންގެ ހަމަށް ދުވަސްވުމުން އަންނަ ބަދަލު ލަސްކޮށްދެއެވެ.

ފެޝަން މެގަޒިން 'ވޯގް'އަށް ދިން އިންޓަވިއުއެއްގައި ބްރެޑް ޕިޓް ބުނީ، 'މުސްކުޅިވުމުގެ ބިރަށް ދުވާކަށް ބޭނުން ނުވާ' ކަމަށެވެ. އެއީ ދުރަށް ނުދެވޭނެ ކަމެއް ކަމަށާއި އާންމުންވެސް އެކަން ބަލައިގަންނަން ބޭނުންވާ ކަމަށެވެ. އަދި 'އެންޓި – އޭޖިން' ނުވަތަ މުސްކުޅި ނުކޮށްދޭ އުފެއްދުންތަކަކީ ގަބޫލުކުރަން ދަތި ވާހަކަތަކެއް ކަމަށާއި މިކަމުގައި އެންމެ މުހިންމީ އެ މީހެއްގެ ހަމަށް އެންމެ ފައިދާހުރި ގޮތަކަށް އަޅާލުން ކަމަށް އޭނާ ބުންޏެވެ.

"އަހަންނަކީ ހޮޓަލަކަށް ގޮސް، އެ ހޮޓަލުގެ ކޮޓަރީގައި ކުރިން ހުރި މީހާ ޖެހި ސެންޓުގެ ވަސް ހުރީމަ އުނދަގޫވެގެން ކޮޓަރިވެސް ބަދަލުކުރަން ބޭނުންވާ މީހެއް. އެހާ ސްޓްރޯންގް ވަސް ހުންނަ އެއްޗެހި ކަމަކު ނުދޭ. އެއީ އަހަރެން ދެކޭގޮތް،" ޕިޓްގެ އުފެއްދުންތަކާ ގުޅޭގޮތުން ބުންޏެވެ.

ބްރެޑް ޕިޓްގެ ސްކިންކެއާ އުފެއްދުންތަކަށް ދީފައިވާ ނަމަކީ ލެ ޑޮމެއިން --

ބްރެޑް ޕިޓްގެ ސްކިން ކެއާ ބްރޭންޑުން މާކެޓަށް ނެރުނު މި އުފެއްދުންތަކުގެ އަގުތައް އުޅެނީ 80 ޑޮލަރުން ފެށިގެން 385 ޑޮލަރާ ހަމައަށެވެ.

އެ އުފެއްދުންތަކުގައި ހަންގަނޑަށް ގެއްލުން ލިބޭ މާއްދާތަކުން ރައްކާތެރިކޮށްދޭ އެންޓިއޮކްސިޑަންޓް މާއްދާތައް އެކުލެވޭ ކަމަށް ކުންފުނީގެ ވެބްސައިޓުގައިވެއެވެ. އަދި، ގުދުރަތީ އުފެއްދުންތަކުން ނަގާފައިވާ ކެމޮމައިލް އާއި ގްރީންޓީ ވެސް އެ އުފެއްދުންތަކުގައި ހިމެނޭނެ ކަމަށް ވެބްސައިޓުގައިވެއެވެ.

މީގެ އިތުރުން އެ އުފެއްދުންތައް ތައްޔާރުކޮށްފައި ވަނީ އެއް ފަހަރު ބޭނުންކޮށް ހުސްވުމުން، އެ ކުންފުންޏާ ވާހަކަ ދައްކައިގެން ކުރިން ބޭނުންކުރި ފުޅިއަށް އަލުން އެ އުފެއްދުމެއް އަޅައިދޭ ގޮތަށެވެ. އެހެންކަމުން އެއީ ތިމާވެއްޓާ ރަށްޓެހި އުފެއްދުންތަކެއް ކަމަށް ކުންފުނީގެ ވެބްސައިޓުގައިވެއެވެ.

ޕިޓްގެ އިތުރުން، ހޮލީވުޑްގެ ގިނަ ތަރިން އެމީހުންގެ އަމިއްލަ އުފެއްދުންތައް މާކެޓަށް ނެރެއެވެ. އެގޮތުން ރިއާނާ އާއި ސެލީނާ ގޮމޭޒް އަދި ހެރީ ސްޓައިލްސްގެ އުފެއްދުންތަކަށް މާކެޓުގައި ތަރުހީބު ބޮޑެވެ.