މިދިޔަ އަހަރުގެ ފެބުރުއަރީ މަހާ އަޅާބަލާ އިރު މި އަހަރުގެ ފެބުރުއަރީ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 4.7 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަހަކު އެއްފަހަރު އާންމު ކުރާ ޓޫރިޒަމް އެރައިވަލް ޑޭޓާއިން ދައްކާ ގޮތުން މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ރާއްޖެ އަށް 87392 ޓޫރިސްޓަކު ޒިޔާރަތްކޮށްފައިވާ އިރު މިދިޔަ ފެބުރުއަރީ މަހު ރާއްޖެ އައީ 83252 ފަތުރުވެރިއެއް ކަމަށެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 4.7 ޕަސެންޓް ދަށް އަދަދެކެވެ.

ފެބުރުއަރީ މަހު ޗައިނާ އިން ރާއްޖެއައި ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ރާއްޖެއަށް 18759 ޓޫރިސްޓަކު އައި ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައީ 12237 މީހެކެވެ. އެއީ 34.8 ޕަސެންޓް ދަށް އަދަދެކެވެ. ޗައިނާ އަކީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ 14.7 ޕަސެންޓެވެ. އަދި ރާއްޖެ އަންނަ ޓޫރިސްޓުންގެ 10.8 ޕަސެންޓް ހިއްސާ ކުރާ އިނގިރޭސިވިލާތުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 6.8 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. އަދި އިޓަލީން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ 22.5 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ 10.7 ޕަސެންޓް އިޓަލީ ހިއްސާ ކުރާއިރު އެ ގައުމުން މި ފެބުރުއަރީ މަހު ރާއްޖެ އައީ 8910 ޓޫރިސްޓުންނެވެ. ނަމަވެސް މިދިޔަ އަހަރު އިޓަލީން 11499 ޓޫރިސްޓުން ރާއްޖެ އައެވެ.

އަދި ރިސޯޓުތަކުގެ އޮކިއުޕެންސީ ރޭޓުވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ކިޔާއިރު 1.5 ޕަސެންޓް ދަށައްގޮސްފަ އެވެ. އަދި ހޮޓާތަކުގެ އޮކިއުޕަންސީ ރޭޓުވެސް ވަނީ 6.4 ޕަސެންޓް ވެއްޓިފަ އެވެ.

ފެބުރުއަރީ ހަތެއްގައި ސަރުކާރު ވެއްޓުމާ އެކު އުފެދުނު ހަމަނުޖެހުންތަކާ އެކު ރާއްޖޭގެ ޓޫރިޒަމް ވަނީ ނުބައި އަސަރުތަކެއްކޮށްފަ އެވެ. އަދި ބައެއް ގައުމުތަކާ ޖަމްއިއްޔާތަކުން ނެރުނު ޓްރެވަލް އެޑްވައިޒަރީތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ކުރި އަސަރުވަރަށް ބޮޑެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައި ވަނީ ރާއްޖެ އަށް މިއަހަރު ނިމުމުގެ ކުރިން އެއްމިލިއަން ޓޫރިސްޓުން ގެނައުމުގެ ޔަގީންކަން ބޮޑުކަމަށެވެ.

ރާއްޖެއަށް މިހާރު ޒިޔާރަތްކޮށްގެން އުޅޭ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިންވެސް ބުނަނީ ޗައިނާ އާއި ޔޫރަޕުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ގޮސް މި އަހަރު ރާއްޖޭގެ ޓޫރިޒަމަށް ނުބައި އަސަރުތަކެއްކޮށްފާނެ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް ދަށަށްދާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން އާންމު ކުރި އިރު، ރާއްްޖޭގެ ޓޫރިޒަމް ބޮއިކަޓް ކުރުމަށް ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ.