ފިހާރައެއްގެ ފުރާޅު ކަފާލައިގެން ވަދެ ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ މުދާ ވަގަށް ގެންގޮސްފައިވާ ކަމަށް އެ ފިހާރައިގެ ވެރިފަރާތުން ބުނެފި އެވެ.

ރޭ ފަޅާލާފައި ވަނީ ޓީޖެޓީ ސަރަހައްދުން ހާބަރުގައި ކައިރީ ހުންނަ "ސޭލްސް ޒޯން" ފިހާރަ އެވެ. އެ ފިހާރައިގެ ވެރިފަރާތް އިބްރާހިމް ހަބީބު މިއަދު ބުނީ ސެކިއުރިޓީން ވެސް ބައިތިއްބައިފައި ތިބޭ އެ ފިހާރައަށް ވަދެފައި ވަނީ ފުރާޅުގެ ޓިނާއި ސީލިން ކަފާލައިގެން ވަދެ ކަމަށެވެ.

"ސެކިއުރިޓީން ވެސް ބައިތިއްބާފައި ހުންނާނީ. ދޮރުތައް ވެސް ހަދާފައި ހުންނާނީ ސެކިއުރިޓީ ވަރުގަދަކޮށް. އެމީހުން ސެކިއުރިޓީ ބެލެހެއްޓި ގޮތުން ކަންނޭނގެ ސެކިއުރިޓީންނަށް ވެސް ނޭނގޭ މިތަނުން އެއްޗެއްހިތައް ގެންދިޔަ އިރު ވެސް،" ހަބީބު ބުންޏެވެ.

ހޯލްސޭލްކޮށް މުދާ ވިއްކާ އެ ފިހާރަ އިން ވަގަށް ގެންގޮސްފައި ވަނީ 3،000ރ. އާއި 100ރ. ގެ ފޯނު ކާޑު ބަންޑެއްޔާއި ސިނގިރޭޓް ކޭހާއި ވަކިން ހުރި ސިނގިރޭޓް ކާޓޫންތައް ކަމަށް ހަބީބް ބުންޏެވެ.

ހަބީބް ބުނީ ފިހާރައަށް ވަތް ވަގުންގެ ފިންގާޕްރިންޓްތައް ލިބިފައިވާ ކަމަށް ފުލުހުން ބުނާ ކަމަށެވެ. ހަބީބު ބުނީ މިހާތަނަށް ވަގަށް ގެންދިޔަ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ފިހާރައިން ވަގަށް ނަގާފައިވާ ތަކެތީގެ އަގު 150،000ރ. އާއި 200،000ރ. ވަރު ވާނެ ކަމަށެވެ. ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 7:50 ހާކަންހާއިރު ކަމަށާއި އަދި މައްސަލަ ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.