ދެ ވަނަ އިންޓަ ސުކޫލް ބީޗް ވޮލީ މުބާރާތުގެ16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ހިރިޔާ ސުކޫލް ހޯދި އިރު 19 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ކަން ގަލޮޅު މަދަރުސާއިން އިއްޔެ ހޯދައިފި އެވެ.

ހެންވޭރުކޮޅުގައި ހަދާފައިވާ ދޮންވެލިގަޑު ބީޗް ވޮލީ ކޯޓުގައި އިއްޔެ ކުޅުނު 16 އަހަރުން ދަށުގެ ބައިން ޗެމްޕިއަންކަން ހިރިޔާ ހޯދީ ފައިނަލުގައި ގަލޮޅު މަދަރުސާ އަތުން ދެ ސެޓް އެއް ސެޓުން މޮޅުވެގެންނެވެ.

އަދި 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ގަލޮޅު މަދަރުސާ ހޯދީ ދެ ސެޓް އެއް ސެޓުން ވިލާ އިންޓަނޭޝަނަލް ހައި ސުކޫލް އަތުން މޮޅުވެގެންނެވެ. މި ބައިގެ ތިން ވަނަ ހޯދީ ހިރިޔާ ސްކޫލެވެ.

ދެ ޖިންސް ވަކިކޮށް، ކޮންމެ ޖިންސެއް ވެސް ދެ އުމުރު ފުރައަށް ބަހާލައިގެން ނުވަ ސުކޫލަކުން ޖުމްލަ 20 ޓީމް ވާދަކުރި މިމުބާރާތުގެ ފިރިހެން ބައިގެ 16 އަހަރުން ދަށުގެ ޗެމްޕިއަނުންނަކީ ލާލޭ އިންޓަނޭޝަނަލް ސުކޫލެވެ. އަދި 19 އަހަރުން ދަށުގެ ޗެމްޕިއަނުންނަކީ ސީއެޗްއެސްއީ އެވެ.

މިމުބާރާތުގައި ބައިވެރިވި ނުވަ ސުކޫލަކީ، މަޖީއްދިއްޔާ ސުކޫލާއި ދަރުމަވަންތަ ސުކޫލާއި އަމީނިއްޔާ ސުކޫލާއި ހިރިޔާ ސުކޫލާއި މުހިއްދީން ސުކޫލާއި ގަލޮޅު މަދަރުސާ އާއި ވިލާ އިންޓަ ނޭޝަނަލް ހައި ސުކޫލާއި ސީއެޗްއެސްއީ އަދި ލާލޭ އިންޓަނޭޝަނަލް ސުކޫލެވެ.