22 Sep 2022, 14:54
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އަންނަ ހަފުތާގައި އުތުރުގެ ހަތަރު ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުއްމަދު ވިދާޅުވީ އެ ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ހއ. އުތީމާއި ހއ. ދިއްދޫ އާއި ހދ. ފިނޭ އަދި ހދ. ނައިވާދުއަށް ކަމަށެވެ.
އެ ދަތުރުފުޅަކީ އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ރައީސް ކުރައްވާ ދަތުރުފުޅެކެވެ.
"އެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ރައީސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ. އަދި ރަށްރަށުގެ އާންމު ހާލަތާއި ރައްޔިތުންގެ ހާލު ބެއްލެވުމަށް ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ،" އޭނާ ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ރައީސް އުތުރުގެ ހަތަރު ރަށަކަށް ކުރައްވާ އެ ދަތުރުފުޅުގައި އެ ރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދާ ބައެއް މަޝްރުއޫތަކުގެ މަސައްކަތް ބައްލަވައިލައްވާނެ ކަމަށެވެ.
އެގޮތުން މިހާރު އުތުރުގައި ފަށާފައިވާ ކާމިޔާބު މަޝްރޫއުތަކާއި އާރުޓީއެލްގެ ދަތުރުތައް ކުރިއަށްދާ ގޮތާއި ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ވެސް ރައީސް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަންނަ އަންގާރަ ދުވަހުގެ ރޭ ހއ. އުތީމުގައި ބާއްވާ މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް ރައީސް ޞާލިޙު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.
މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު ރައީސް ޞާލިޙު ވަނީ މ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަޑައިގެން އެ ރަށްތަކުގެ ކައުންސިލުތަކާއި އަންހެނުންގެ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ.