02 Apr 2012, 08:58
ކޮމްޕިއުޓަރުގެ ވިޔަފާރި ފުޅާކޮށްފައިވާ އެސްޓާސް އިން އެޕަލް އައިޕެޑްގެ ޕްރޮމޯޝަނެއް އިއްޔެ ފެށީ ސޯޝަލް ނެޓްވޯކް ޓްވިޓާ އާއި ފޭސްބުކްގެ ތެރެއިންނެވެ. އޭގެ ފަހުން އިނާމް ލިބޭ ގޮތަށް މަޝްހޫރު ފްރުޓް ނިންޖާ ގޭމް ކުޅުމަށް ހުޅުވާލި މުބާރާތާއެކު އެވެ. އެހެންވެ އިއްޔެ އާއި ރޭ ކުޑަކުދިންނާއި ޒުވާނުން ވަރަށް ގިނަ އަދަދަކަށް އަމީރު އަހުމަދު މަގުގައި ހުންނަ އެސްޓާސްއަށް ޖަމާވެ ގޭމް ކުޅުމުގައި ބައިވެރި އެވެ.
"އައިޕެޑް ހަންޓް" ގެ ނަމުގައި ގޭމްތަކުގެ ތެރެއިން ފެށި ޕްރޮމޯޝަން ހާއްސަ ކޮށްފައި ވަނީ އައިޕެޑްގެ ޕްރޮމޯޝަނަށް ކަމަށް ވިޔަސް މުޅި ޕްރޮމޯޝަން އެސްޓާސް އިން ބިނާކޮށްފައި އޮތީ ގިނަ އަދަދެއްގެ ބަޔަކު ބައްދަލުވެ މަޖާކޮށް އެކުވެރި ކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ މާހައުލެއް އުފެއްދުމަށެވެ. އަދި އެޕަލްގެ ޕްރޮޑަކްޓްތަކުގެ މައުލޫމާތު، ހާއްސަކޮށް އައިޕެޑްގެ މައުލޫމާތު ފޯރުކޮށް ދިނުމަށެެވެ. ހާއްސަކޮށް ގަޑިއަކު އެއް ފަހަރު ސުވާލެއް ހުށައަޅާނެ ކޮށް ބައިވެރިން ފަސް ސުވާލަށް ޖަވާބު ދީގެން އެއްވަނަ ހޯދާ ފަރާތަކަށް އައިޕެޑެއް ދޭ ގޮތަށް އޮތުމުން އައިޕެޑް ހަންޓް ވެގެން ގެންދިޔައީ ވަރަށް ގިނަ ބައެއް ސަމާލުކަން ލިބިފައިވާ ޕްރޮމޯޝަނަކަށެވެ.
"ގޭމްތަކުގެ ބައި ހިމަނާފައި އޮތުމާއި އަދި އެޕަލް ޕްރޮޑަކްޓް ތަކުގެ މައުލޫމާތު ލިބޭ އަދި ތަޖުރިބާ ކޮށްލެވޭ ކޯނާއެއް ހަދާފައި ހުރުމުން ވަރަށް ހިތްހަމަ ޖެހުނު. އަސްލު ޕްރޮމޯޝަނަކަށް ވުރެ ބޮޑަށް އަމިއްލަ ނަފުސަށް ވެސް ކުރިއެރުން ލިބޭ ކަހަލަ މައުލޫމާތުތަކެއް ލިބުނު،" ރޭ އެސްޓާސް އަށް ގޮސް ހުރި ޒުވާން އަންހެން ކުއްޖަކު ބުންޏެވެ.
އެސްޓާގެ ޕްރޮމޯޝަން ހަރަކާތުގައި އިސްކޮށް އުޅުއްވާ ހަސަން ރިޝީފް ވިދާޅުވީ ގޭމްތަކާއެކު ޕްރޮމޯޝަން ފެށުމުން ވަރަށް ގިނަ ބަޔަކު މީ ޕްރޮމޯޝަން ތެރެއިން ބައްދަލުވެ އެކުވެރިކަން ބަދަހި ކުރުމުގެ އިތުރުން އިނާމް ހޯދައި އެޕަލްއާ ބެހޭ މައުލޫމާތު މުއްސަނދި ކުރި ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެންގެ މެސަޖަކީ އަޅުގަނޑުމެން ހަތަރު ފަސްދުވަހަކަށް ދަމާލާފައިވާ އައިޕެޑް ޕްރޮމޯޝަނަކީ މިހާރު މާލޭގެ ބާޒާރުގައި ހުރި އެންމެ ހެޔޮ އަގުތަކޭ، މި ހެޔޮ އަަގުތައް ހިމެނޭ ޕްރޮމޯޝަންގެ ބޭނުން ހިފާށޭ، މި ޕްރޮމޯޝަންގައި ހިމެނެނީ ބީޓް ނުކުރެވޭނެ އަގުތަކެއް،" ރިޝީފް ވިދާޅުވި އެވެ. "އެއީ އަޅުގަނޑުމެންގެ މެސެޖް އެކަމަކު އަޅުގަނޑުމެންގެ މައިގަނޑު ބޭނުމަކީ ޕްރޮޑަކްޓްގެ މައުލޫމާތު ރަނގަޅަށް ފޯރިކޮށް ދިނުމާއެކު އެންމެނަށް އުފާވެރި ކަމެއް ލިބޭނެ މާހައުލެއް ވަގުތުކޮޅަކަށް ނަމަވެސް އުފައްދައި ދިނުން، އަޅުގަނޑުމެންގެ ގޭމްތަކުގެ ތެރެއިން އެކަން ކުރެވުނު،"
ޕްރޮމޯޝަންގެ ގޭމްތަކުގެ ތެރެއަށް އިއްޔެ އާ ރޭ ގާތްގަނޑަކަށް 400 އެއްހާ މީހުން ވަނެވެ. ގޭމްތަކުގެ ބައި ރެއާ ހަމައަށް މަޑު ޖައްސާލި ނަމަވެސް އައިޕެޑް ހަންޓް އަދިވެސް އޮތީ ކުރިޔަށެވެ. އަގުތައް ހުރީ ބޮޑުތަނުން ހެޔޮކޮށްފަ އެވެ.