02 Apr 2012, 08:12
ޓޯކިޔޯ (އެޕްރީލް 2) : އުތުރުކޮރެޔާއިން ޖައްވަށް ފޮނުވާނެކަން އިޢްލާންކޮށްފައިވާ ސެޓލައިޓް ވައްޓާލުމަށް ޖަޕާނުގެ ބޮޑުވަޒީރު ޔުޝޮހީކޯ ނޮޑާ، ޖަޕާންގެ ދިފާޢީ ބާރުތަކަށް އަމުރުކުރައްވައިފިއެވެ.
ޓޯކިޔޯގައި ރޭ ދެއްވި ބަޔާނެއްގައި ނޮޑާ ވިދާޅުވީ އުތުރުކޮރެޔާގެ ސެޓަލައިޓް ވައްޓާލުމުގެ އަމރު ޖަޕާންގެ ދިފާޢީ ބާރުތަކަށް ދެއްވާފައިވާނެ ކަމުގައެވެ. ނަމަވެސް އުތުރުކޮރެޔާގެ ސެޓަލައިޓް ވައްޓާލުމަށް ނޮޑާ އަމުރުކުރެއްވީ އެސެޓަލައިޓްގެ ސަބަބުން ނޫނީ އެސެޓަލައިޓް ފޮނުވުމަށް ބޭނުންކުރާ ރޮކެޓްގެ ސަބަބުން ޖަޕާނަށް ނުރައްކަލެއް ކުރިމަތިވާފަދަ ޙާލަތެއްގައި ކަމަށް ނޮޑާގެ އޮފީހުން ބުނެއެވެ. އުތުރުކޮރެޔާގެ ސެޓަލައިޓް ވައްޓާލާނެ ކަމުގެ އިންޒާރުދީ އެކަމަށް އަމުރުކުރި ނަމަވެސް އެކަންކުރަން ޖަޕާނަށް ނުކުރޭނެ ކަމަށް މުރާސިލުން ބުނެއެވެ.
އުތުރުކޮރެޔާގެ ސެޓަލައިޓް އުދުއްސާލުމަށް ބޭނުންކުރާ ބިޔަ ރޮކެޓަކީ އޭގެ ބައިތައް އެކިމަރްޙަލާގައި ވެއްޓޭގޮތަށް ފަރުމާކޮށްފައިވާ ރޮކެޓެކެވެ. ނަމަވެސް މިރޮކެޓްގެ އެއްވެސް ބައެއް ޖަޕާނުގެ ސަރަޙައްދާ ކައިރި ހިސާބަކަށްވެސް ނުވެއްޓޭނެ ކަމަށް މިކަން ބަލައި ދިރާސާކުރާ އެމެރިކާގެ ޑިޖިޓަލް ގްލޯބް ކުންފުނިން ބުނެއެވެ.
އެމެރިކާއާއި ޖަޕާން ފަދަ ޤައުމުތަކުން ކިތަންމެ ވަރަކަށް ދެކޮޅުހެދި ނަމަވެސް ޖައްވަށް ސެޓަލައިޓް ފޮނުވުމުގެ ކަންތައް އަންނަ މިމަހުގެ ފުރަތަމަ ހަފްތާގައި ކުރިޔަށްގެންދާނެކަން އުތުރުކޮރެޔާ ވަނީ ކަށަވަރުކޮށްދީފައެވެ. އުތުރުކޮރެޔާ ބުނާގޮތުން އެޤައުމުން ޖައްވަށް ފޮނުވަނީ މުސުމާބެހޭ ދިރާސާތައްކުރުމުގެ ސެޓަލައިޓެކެވެ.
އުތުރުކޮރެޔާއިން ޖައްވަށް ސެޓަލައިޓެއް ފޮނުވަން ގަސްދުކުރާކަން މިދިޔަމަހުގެ ކުރީކޮޅު އިޢްލާންކުރުމާއެކު އެ ސެޓަލައިޓް ވައްޓާލަން ޖެހިދާނެކަމުގެ އިންޒާރު ޖަޕާނުންވަނީ ދީފައެވެ. އެމެރިކާ ވެސްވަނީ މިކަން ނުކުރުމަށް އުތުރު ކޮރެޔާއަށް އިންޒާރުތައްދީ ބިރުދެއްކުމުގެ ޢަމަލުތަކެއް ހިންގާފައެވެ. މިއީ ދުރުރާސްތާގެ މިސައިލް ތަޖްރިބާކުރުމަށް އުތުރުކޮރެޔާ ރޭވިރޭވުމެއް ކަމަށްބުނެ އެމެރިކާވަނީ އުތުރުކޮރެޔާއަށް ދިނުމަށް ކުރިން އެއްބަސްވި ކާބޯތަކެތީގެ އެހީ ދިނުން ވަގުތީގޮތުން ހުއްޓާލާފައެވެ.
އުތުރު ކޮރެޔާއިން ޖައްވަށް ސެޓަލައިޓެއް ފޮނުވުމަށް ނިންމީ ނިއުކްލިޔަ އަދި މިސައިލް ތަޖްރިބާތައް ހުއްޓާލުމަށް އެމެރިކާއާއެކު އެއްބަސްވެފައި ވަނިކޮށް ކަމަށް ކަމަށާ އުތުރުކޮރެޔާ މިކަމަށް އެއްބަސްވީ 240 ހާސް ޓަނުގެ ހިލޭކާބޯތަކެތި ފޯރުކޮށްދޭ މަތިން ކަމަށް އެމެރިކާ ބުނެއެވެ. ނަމަވެސް އެމެރިކާއާއެކު މިފަދަ އެއްބަސްވުމަކަށް އައިސްފައިވާކަން އުތުރުކޮރެޔާ ހާމަކޮށްފައެއް ނުވެއެވެ. -- ނޫސްއެޖެންސީތައް