އެޕަލްއިން އާ އުފެއްދުންތަކެއް ތައާރަފު ކުރުމަށް އަންނަ މަހު ހާއްސަ ހަފުލާއެއް ބާއްވާނެ ކަމަށާއި އެ ހަފުލާގައި އައިޕެޑް ޕްރޯގެ އާ މޮޑެލްތަކެއް ދައްކާލާނެ ކަމަށް ޚަބަރު ފެތުރިއްޖެއެވެ.

އެޕަލްގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމްތައް ކަމަށްވާ އައިޕެޑްއޯއެސް 16 އަދި މެކްއޯއެސް ވެންޗޫރާ އާއެކު ޓެބްލެޓްތަކާއި ކޮމްޕިއުޓަރުތައް ވެސް އަންނަ މަހު އޮންނަ އެ އިވެންޓްގައި ތައާރަފް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

ފާއިތުވި މަސްތަކުގެ ތެރޭގައި، ޓެކް އިންޑަސްޓްރީގެ އެކިއެކި އެނަލިސްޓުންނާއި އެ ދާއިރާއާ ބެހޭ ޚަބަރުތައް ލީކް ކުރާ ފަރާތްތަކުން އަންނަނީ އެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ހިއްސާކުރަމުންނެވެ. އެޕަލްގެ އޮކްޓޯބަރު އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ކުންފުނީގެ އެންމެ ފަހުގެ އިވެންޓުގައި އައިފޯން 14 އަދި އައިފޯން 14 ޕްރޯ ސީރީޒް، އެޕަލް ވޮޗް ސީރީޒް 8، އާ އެޕަލް ވޮޗް އެސްއީ، އެޕަލް ވޮޗް އަލްޓްރާ، އަދި އެއާޕޮޑްސް ޕްރޯ 2 ތައާރަފް ކުރިތާ އަދި މަހެއް ވެސް ނުވެއެވެ.

މީގެ ކުރިން އޮގަސްޓް މަހު ބްލޫމްބާގްގެ ޓެކް ރިޕޯޓަރެއް ކަމަށްވާ މާކް ގުރްމަން އޭނާގެ 'ޕަވާ އޮން' ނިއުސްލެޓާގައި ބުނީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ބޭއްވުމަށް އެޕަލްއިން ތައްޔާރުވަމުންދާ ދެ އިވެންޓެއްގައި އެޕަލްއިން ގިނަ އުފެއްދުންތަކެއް ތައާރަފުކުރާނެ ކަމަށެވެ. ގުރްމަން ބުނީ އެޕަލް އިން ބޭނުންވަނީ އޮކްޓޯބަރު މަހު ބާއްވަން ރާވާފައިވާ ދެވަނަ ހަފުލާގެ ކުރިން ވެސް ކުޑަ ހަފުލާއެއް ބޭއްވުމަށް ކަމަށެވެ.

މި މަހު ބޭއްވި އިވެންޓުގައި އައިފޯން 14 ސީރީޒް އާއި އެޕަލް ވޮޗް ސީރީޒް 8 އާއި އާ އެޕަލް ވޮޗް އަލްޓްރާ އަދި އެއާޕޮޑްސް ޕްރޯ 2 ނެރުނު އިރު އަންނަ މަހު ބާއްވާނެ ކަމަށް ލަފާ ކުރެވޭ އިވެންޓުގައި، އާ އައިޕެޑް ޕްރޯ އާއި މެކް މޮޑެލްތައް ނެރޭނެ ކަމަށް ބެލެވޭ ކަމަށް ގުރްމަން ބުނެފައިވެއެވެ.

އައިޕެޑް ޕްރޯ އާއި އަގުހެޔޮ އައިޕެޑް މޮޑެލްތައް

ގުރްމަން ކުރިން ފާހަގަކުރި ގޮތުގައި އެޕަލްއިން ކައިރިކައިރީގައި މިގޮތަށް ހަފުލާތައް ބޭއްވުން ކުރިއަށް ގެންދިޔައީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ކަމުގައިވީ ނަމަވެސް މިއަހަރު ވެސް އެ ފޯމެޓް ކުރިއަށް ގެންދާނެއެވެ. ބްލޫމްބާގްގެ ނޫސްވެރިޔާ ބުނީ ކުޕާޓީނޯގައި ހުންނަ އެ ކުންފުނިން އެމް2 ޕްރޮސެސަރަކާއެކު އަޕްގްރޭޑް ކޮށްފައިވާ އައިޕެޑް ޕްރޯއަކާއި އޭ14 ޗިޕަކާއި ޔޫއެސްބީ ޓައިޕް-ސީ ޕޯޓެއް ހިމެނޭ އަޕްޑޭޓް ކޮށްފައިވާ އެންޓްރީ ލެވެލް އައިޕެޑެއް ދައްކާލާނެ ކަމަށެވެ.

އާ އައިޕެޑް މޮޑެލްތަކުގައި 11 އިންޗީގެ އެލްސީޑީ ޑިސްޕްލޭއަކާއި 12.9 އިންޗީގެ މިނީއެލްއީޑީ ޑިސްޕްލޭއެއްގެ އިތުރުން މެގްސޭފް ޗާޖިން ވެސް ހިމެނޭނެ އެވެ. މީގެ އިތުރުން، މުޅި އައިޕެޑް ލައިނަޕްއަށް ޔޫއެސްބީ ޓައިޕް-ސީ ކަނެކްޓިވިޓީއަށް ބަރޯސާވާ ޔޫއެސްބީ ޓައިޕް-ސީ ޕޯޓަކާއެކު އަގުހެޔޮ އައިޕެޑެއް ވެސް ތައާރަފްކުރާނެއެވެ. ބެލެވޭގޮތުގައި އެ ޕްރޮޑަކްޓްގައި ހުންނާނީ 10.5 އިންޗި ނުވަތަ 10.9 އިންޗީގެ ޑިސްޕްލޭއެކެވެ.

އެމް2 އަށް ބިނާކޮށްފައިވާ ޗިޕްސެޓްތަކާއެކު އާ މެކް މޮޑެލްތައް

އެޕަލް އިން އެމް2އަށް ބިނާކޮށްފައިވާ މެކް މިނީ، މެކް ޕްރޯ، އަދި މެކްބުކް ޕްރޯގެ ވާޝަންތައް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ގުރްމަން ބުނި އިރު، އެ ކުންފުނިން "މަދުވެގެން އެ މެޝިންތަކުގެ ޖޯޑެއް" ތައާރަފް ކުރާނެ ކަމަށް ބުނެފައިވެއެވެ.

މީގެ ކުރިން ރިޕޯޓެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ އާ ލައިނަޕްގެ 14 އިންޗި އަދި 16 އިންޗީގެ މެކްބުކް ޕްރޯ ލެޕްޓޮޕްތަކުގައި ޓީއެސްއެމްސީގެ 3އެންއެމް ޕްރޮސެސް އިން އުފައްދާފައިވާ އެމް2 ޕްރޯ ޗިޕް އިން ކަރަންޓް އުފައްދާނެ ކަމަށެވެ.

އެޕަލް މިކްސްޑް ރިއަލިޓީ ހެޑްސެޓް

ނައިންޓުފައިވްމެކްއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެޕަލްގެ މިކްސްޑް ރިއަލިޓީ ހެޑްސެޓް ވެސް ސްޓީވް ޖޮބްސްގެ "ވަން މޯ ތިންގް" ސްޓައިލްގެ ފެޝަންގައި ތަޢާރަފް ކުރާނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެޕަލްގެ މިކްސްޑް ރިއަލިޓީ ހެޑްސެޓްތައް 2023 ވަނަ އަހަރު ތައާރަފް ކުރުމަށް މަޑުޖައްސާލާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެޕަލްގެ އާ ތިން މޮޑެލް ނުވަތަ ވައްތަރުގެ ކޯޑް ނަން N301، N602، އަދި N421 ހެޑްސެޓްތައް އުފެއްދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

އައިޕެޑްއޯއެސް 16 އަދި މެކްއޯއެސް ވެންޗޫރާ

މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި އިވެންޓަށް ފަހު އެޕަލް އިން އައިއޯއެސް 16، ވޮޗްއޯއެސް 9، އަދި ޓީވީއޯއެސް 16 މިދިޔަ ހަފުތާގައި ނެރެފައިވާއިރު، އަންނަ މަހު އޮންނަ އިވެންޓްގައި އައިޕެޑްއޯއެސް 16 އާއި މެކްއޯއެސް ވެންޗޫރާ ހުރިހާ ޔޫޒަރުންނަށް ލިބޭނެގޮތަށް ނެރުމަށް ވެސް އެ ކުންފުނިން ނިންމާފައިވާ ކަމަށް ބެލެވެއެވެ.

ގުރްމަން އެންމެ ފުރަތަމަ ބުނި ގޮތުގައި އެޕަލްއިން އައިއޯއެސް 16 އަށް ފަހު މަހެއްހާ ދުވަސް ފަހުން އައިޕެޑްއޯއެސް 16 ނެރޭނެއެވެ. އަދި މިކަން ފަހުން ކަށަވަރުވެފައިވާ ކަމަށް އޭނާގެ ޕަވާ އޮން ނިއުސްގައި ފަހުގެ އަޕްޑޭޓްތައް ހާމަކޮށްފައިވެއެވެ.