ޑިމޮކްރަސީގެ ރަމްޒެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ބަރުމާގެ އިދިކޮޅު ލީޑަރު އަން ސަން ސޫޗީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ބަންދުގައި ހުންނެވި ހުންނެވުން ނިމި އެ ގައުމުގެ ޕާލަމެންޓަށް ވެދެވަޑައި ގެންނެވުމުގެ ފުރުސަތު ގާތްގަނޑަކަށް ކަށަވަރު ކުރައްވައިފިއެވެ.

ސޫޗީގެ އެހީތެރިންނާ ހަވާލާދީ ވޮޝިންޓަން ޕޯސްޓް ބުނީ އެކަމަނާ ކުރިމަތި ލެއްވި ރަށްފުށު ހިސާބެއް ކަމަށްވާ ކަވްހްމޫ ދާއިރާގެ 128 ވޯޓް ފޮށީގެ ތެރެއިން އެންމެ ފޮއްޓެއް ފިޔަވައި ހުރިހާ ފޮއްޓެއްގެ ވޯޓް އެކަމަނާ ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ.

ވޯޓް ފޮށިތަކުގެ ނަތީޖާތައް އަދިވެސް އަންނަމުން ދާއިރު ސޫޗީގެ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ( އެން އެލްޑީ) ން އަންދާޒާ ކުރަނީ އެޕާޓީއަށް 40 ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށެވެ.

އެންއެލްޑީއަށް މި ލިބުނު ބޮޑު ކާމިޔާބީއާ އެކުގައި ވެސް އެޕާޓީއަށް ލިބޭނީ 644 ގޮނޑި ހިމެނޭ ބަރުމާގެ ޕާލަމެންޓްގެ ވަރަށް ކުޑަ މިންވަރެކެވެ. އަނެއްބައި އަދިވެސް ކޮންޓްރޯލް ކުރަނީ ބަރުމާގެ އަސްކަރީ ސަރުކާރާއި އެސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންނެވެ.

ބަރުމާގައި މިފަހަރު މިބޭއްވި ވޯޓް ލުމަކީ އެ ގައުމުގެ އަސްކަރީ ސަރުކާރުން އިސްލާހަށް މަސައްކަތް ކުރުމަށް މިސްރާބު ޖަހާފައިވާ ކަމުގެ ނިޝާނެކެވެ. ބަރުމާގެ ރައީސް ކަމަށް ކުރީގެ ޖެނެރަލެއް ކަމަށްވާ ތައިން ސެއިން ވަޑައިގެންނެވުމަށް ފަހު އެޅުއްވި އެފަދަ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ ކުށްވެރިން މިނިވަން ކުރުމާއި އިދިކޮޅު ހަނގުރާމަވެރި ގްރޫޕްތަކާ އެކު ސުލްހަވުން ހިމެނެއެވެ.

ބަރުމާގެ މިނިވަންކަމުގެ ބަތަލު އަން ސަންގެ ދަރިކަނބަލުން ސޫޗީ ވަނީ ބަރުމާގެ އަސްކަރީ ސަރުކާރުގެ އަތްދަށުގައި ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ގޭބަންދާއި ޖަލު ބަންދުގައި 15 އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފަ އެވެ.

ބަރުމާއަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތް ކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން ، އެގައުމަށް ޑިމޮކްރަސީ ގެންނަވަން ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 1990 ވަނަ އަހަރު އެކަމަނާއަށް ވަނީ ނޯބެލް ޕީސް ޕްރައިޒް ލިބިވަޑައިގެންފަ އެވެ.