ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އިންޑިޔާގެ އަޖްމީރުގައި ހުންނަ ސޫފީ މުސްލިމުންގެ ދަރްގާއަށް މި މަހުގެ 8 ގައި ވަޑައިގަންނަވާ ގޮތަށް ހަމަ ޖެހިފައިވާ ކަމަށް ހަބަރު ލިބެއެވެ. ޚުވާޖާ މުޢީނުއްދީން ޗިސްތީ ވަޅުލެވިފައިވާ މި ދަރްގާއަށް ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފް ވެސް ޒިޔާރަތް ކުރެއްވިއެވެ.

އިންޑިޔާގެ ރާޖަސްތާނުގެ އަޖްމީރުގައި ހުންނަ ދަރްގާއަކީ ދެކުނު އޭޝިޔާގެ މުސްލިމުންގެ ތެރެއިން ގިނަ ބައެއްގެ އިތުރުން ހިންދޫންނާއި ކްރިސްޓިޔަނުން ވެސް މާތްކޮށް ހިތާ ތަނެކެވެ. މުސްލިމުން މި ތަނަށް ދިއުމަކީ ޝިރްކުގެ އަމަލެއް ކަމަށް ވިދާޅުވެ އަހްލުއްސުންނާގެ އިލްމުވެރިން މި ކަމާ ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވައެވެ.

ޕާކިސްތާނުގެ އިސް ފަރާތްތަކުން ވިދާޅުވާ ގޮތުގައި ރައީސް އާސިފް އަލީ ޒަރްދާރީގެ މި ދަތުރުފުޅަކީ ވަރަށް ކުރީއްސުރެ ރާއްވަވައިފައިވާ ދަތުރުފުޅެކެވެ.

ޒަރްދާރީގެ މި ދަތުރުފުޅަކީ އަމިއްލަފުޅު ހައިސިއްޔަތުން ވަޑައިގަންނަވާ ދަތުރުފުޅެއް ކަމުން މި ދަތުރުފުޅުގައި އިންޑިޔާ އާއި ޕާކިސްތާނުގެ ރަސްމީ މާ ބޮޑު ބައްދަލުވުންތަކެއް ނޯންނާނެ ކަމަށް ވެސް ޕާކިސްތާނުގެ އިސް ފަރާތްތަކުން ވިދާޅުވެއެވެ. -- ރެޑިފް