ޕަބްޖީ އާއި ޓިކްޓޮކުން އަނިޔާވެރި އަދި ބަދުއަޚްލާގީ މަންޒަރުތައް ފެންނަ ކަމަށް ބުނެ އަފްޣާނިސްތާނުގައި އެ ގޭމައި އެޕް މަނާކުރަން ނިންމައިފިއެވެ.

އަފްޣާންގައި ވެރިކަން ކުރަމުންދާ ހަނގުރާމަވެރި ތާލިބާނުންގެ ގްރޫޕުން ބުނެފައިވަނީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައިޕަބްޖީ(ބަޓްލްގްރައުންޑްސް) މަނާކުރާނެ ކަމަށެވެ. ސަބަބަކީ މިގޭމުގެ ސަބަބުން އަނިޔާވެރިކަން ކުރިއެރުވުމާއި، ޒުވާނުން މަގުފުރެއްދުން އިތުރުވެގެން ދާނެތީ ކަމުގައި ކަމަށްވެސް އެޖަމާއަތުން ބުނެއެވެ.

އަފްޣާނިސްތާނުގައި، އެމެރިކާގެ ތާއީދު އޮތް ސަރުކާރު ވެއްޓުމާއި އެމެރިކާ ސިފައިން އަނބުރާ ގެންދިއުމާ ގުޅިގެން މިދިޔަ އަހަރުގެ އޮގަސްޓް މަހު އަފްޣާނިސްތާނުގެ ވެރިކަމަށް އެނބުރި އައިސް ތާލިބާނުން ދަނީ އެގައުމުގައި ގިނަ ކަންކަން މަނާކުރަމުންނެވެ. އެގޮތުން މިއުޒިކާއި، ފިލްމުތަކާއި، ޓީވީ ސޮޕް އޮޕެރާތަކާއި، ޗެނަލްތަކާއި، އަދި 23 މިލިއަނަށްވުރެ ގިނަ ވެބްސައިޓްގެ "އަމަލީ ކޮންޓެންޓް"ތައް މަނާކޮށްފައިވެއެވެ.

އަފްޣާނިސްތާނުގެ ޒުވާނުންގެ މެދުގައި މަގުބޫލުވެގެން ދިޔަ ޕަބްޖީ އާއި ޓިކްޓޮކް މަނާ ކުރާނެ ކަމަށް މިދިޔަ އޭޕްރީލް މަހު އިއުލާން ކުރިއެވެ. އެހެންނަމަވެސް އަފްޣާނިސްތާނުގެ މުވާސަލާތީ މިނިސްޓްރީއާއި ޝަރީއަތުގެ ގާނޫނު ތަންފީޒުކުރާ އޮފިޝަލުންނާއި ސަލާމަތީ މަންދޫބުންނާ ދެމެދު ދާދި ފަހުން ބޭއްވި ބައްދަލުވުމެއްގައި ނިންމީ ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ޕަބްޖީ މަނާކުރުމަށެވެ. އަދި ކުރިއަށްއޮތް މަހެއްހައި ދުވަހުގެ ތެރޭގައި ޓިކްޓޮކް މަނާކުރުމަށްވެސް އެބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އެގައުމުގެ މުވާސަލާތީ އަދި އިންޓަނެޓް ޚިދުމަތްދޭ ފަރާތްތަކަށް އެ އެޕްތަކަށް ނުވަދެވޭނެ ގޮތް ކަށަވަރު ކުރުމަށް އަންގާފައިވާއިރު، ޕަބްޖީ މަނާކުރުމަށް އަންގައިފައިވަނީ މައިގަނޑު ގޮތެއްގައި އެ އެޕްގެ މޯބައިލް ވާޝަނަށް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ކަމަށް ބުނެފައިވެއެވެ.

އަފްޣާނިސްތާނުގައި ޓިކްޓޮކް އާއި ޕަބްޖީ ބޭނުންކުރާ މީހުން ފަހަކަށް އައިސް ގިނަ ވެފައިވަނީ މުނިފޫހިފިލުވުމުގެ އެހެން ގޮތްތައް ތާލިބާނުން މަނާކުރުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ.ބީބީސީންފާހަގަކުރާ ގޮތުގައި އަފްޣާނިސްތާނުގެ 39 މިލިއަން މީހުންގެ ގާތްގަނޑަކަށްދެބައިކުޅަ އެއްބައިމީހުންނަކީ 25 އަހަރުން ދަށުގެ އާބާދީއެކެވެ. މި އަހަރު ފެށުނުއިރު އަފްޣާންގައި ގާތްގަނޑަކަށް 100،000 އެއްހާ ޕަބްޖީ އެކައުންޓް ކްރިއޭޓްކޮށް ލޮގިންވެފައި ވެއެވެ.

މި އެޕްތައް މަނާކުރި ހަމައެކަނި ގައުމަކީ އަފްޣާނިސްތާނެއް ނޫނެވެ. ޗައިނާއާ އޮންނަ ގުޅުމާ ގުޅިގެން 2020 ވަނަ އަހަރު އިންޑިއާ އިންވެސް އެ ދެ އެޕް މަނާކުރިއެވެ.އިންޑިއާ އިން މަނާކުރިއެތައް ސަތޭކަ އެޕްތަކުގެ ތެރޭގައި ޕަބްޖީއާއި، ޓިކްޓޮކް ހިމެނެއެވެ. ސަރުކާރުން ބުނީ އެ އެޕްތަކުގައި "އިންޑިއާގެ އިސްތިގުލާލާއި ނަޒާހަތްތެރިކަމަށް އަސަރުކުރުވާ ފަދަ ކަންކަން ހުރުމާއި، އިންޑިއާގެ ދިފާއުގައި، ދައުލަތާއި އާންމު ނިޒާމުގެ ސަލާމަތަށް ބުރޫއަރާފަދަ ހަރަކާތްތަކެއް އެ އެޕްތައް މެދުވެރިކޮށް ހިންގާފައިވާ" ކަމަށެވެ.

ޕާކިސްތާނުގައި ވެސް ކުޑަކުދިން މާ ބޮޑަށް ޕަބްޖީއަށް އެޑިކްޓްވެ، ނުބައި ނުފޫޒެއް ފޯރުވި ކަމަށް ބުނެ އެ ގޭމް މަނާކޮށްފައިވާއިރު، ޗައިނާގެ ސަޕޯޓަރުންނަށްގޭމް ފޯ ޕީސްކިޔާ ބަޓްލް ރޯޔަލް ޖަޔަންޓްގެ ސެނިޓައިޒްޑް ވާޝަނެއް ކުޅެވޭނެއެވެ.

އެހެން ގައުމުތަކުގައި އެ ދެ އެޕް މަނާކުރި ގޮތާ އެއްގޮތަށް، އަފްޣާނިސްތާނުގައި ވެސް އެ މަނާކުރުންތަކަށް އަމަލުކުރަން ފެށުމާއެކު އެގައުމުގައި ވެސް ވީޕީއެންގެ މަގުބޫލުކަން އިތުރުވާނެ ކަމަށް ބެލެވެއެވެ.