21 Sep 2022, 00:00
ފުލުހުންގެ ބޭނުމަށް 130 ސީސީޓީވީ ކެމެރާ ގަންނަން ބޭނުން ވެގެން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުންގެ އިދާރާއިން ކުރި އިއުލާނުގައި ބުނެފައިވަނީ ތިން ބާވަތުގެ ކެމެރާ ބޭނުންވާ ކަމަށެވެ. އެއީ 40 ބުލެޓް ނެޓްވޯކް ކެމެރާއާއި 35 މިނީ އައިއާރު ފިކްސްޑް ބުލެޓް ނެޓްވޯކް ކެމެރާގެ އިތުރުން 55 ޑޯމް ނެޓްވޯކް ކެމެރާއެވެ.
އެ ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބިޑް ރަޖިސްޓްރީ ފޯމް ހުށަހަޅަން ޖެހެނީ މިމަހުގެ 28 ވަނަ ދުވަހުގެ ކުރިންނެވެ.
ފުލުހުން ބުނީ ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހު، އަމީނީ މަގުގައި ހުންނަ އިސްކަންދަރު ކޮށި އެކެއްގައި ކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ބޭނުމަށް ސީސީ ކެމެރާ ގަންނައިރު، މާލޭގެ ދެކުނު ހާބަރު ސަރަޙައްދުގައި މާލޭ ސިޓީ ކައުންސިލުން ވަނީ 15 ސީސީޓީވީ ކެމެރާ ހަރުކޮށްގެން 24 ގަޑިއިރު އެތަން މޮނިޓާ ކުރެވޭނެ ގޮތް ހަދާފައެވެ. އޭގެ އިތުރުން އައްޑޫ ސިޓީއާއި ވިލިމާލޭގެ ބައެއް މަގުތަކުގައި ވެސް ކެމެރާ ހަރުކޮށްފައިވެއެވެ.