ލ. ގަމުން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަނީ 85 އަހަރުގެ ގަން ތުނޑި، ރަތްފުސްގެ ޚަދީޖާ އަބްދުލް ރަހްމާނެވެ.

މިކަމާ ގުޅިގެން ލ. ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ "ސަން"އަށް ވިދާޅުވީ ޚަދީޖާ ގެއްލުނީ އިރުއޮއްސުނު ވަގުތުން ފެށިގެން ކަމަށެވެ.

"6:30 އެހާއިރުން ފެށިގެން ހުއްޓުމެއް ނެތި ރަށު ރައްޔިތުންނާ ކައުންސިލާ ފުލުހުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން،" ޒަކީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއަދު ހަވީރު ވެސް ޚަދީޖާ ގޭގައި އުޅުނުކަމަށް އާއިލާއިން ބުނިކަމަށެވެ. އަދި ޚަދީޖާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށް ވެސް ޒަކީ ވިދާޅުވިއެވެ.

ދާދި ފަހުން ގދ. ތިނަދޫން ވެސް ވަނީ އުމުރުން ދުވަސްވީ މީހެއް ގެއްލިފައެވެ. ރަށު ރައްޔިތުން ނުކުމެ އޭނާ ހޯދުމުގެ މަަސައްކަތް ކުރިތާ އެތައް އިރެއްފަހުން އޭނާ ފެނުނީ ފަޅު ގެއަކަށް ވެއްޓިފައި އޮއްވައެވެ.

އޭނާ އަށް ވަގުތުން އައިސީޔޫގައި ފަރުވާދިން ނަމަވެސް ދެ ދުވަސް ފަހުން ވަނީ ނިޔާވިއެވެ.