19:00


ދިވެހިންނަކީ، އެއް ދީނެއްގެ އެއްބަހަކުން ވާހަކަ ދައްކާ، އެއްބައެއް ކަމަށާއި، މި ތިން ސަބަބުން އެއްވެސް ސަބަބަކަށް ބުރުލެއް އަރައިފިނަމަ ގައުމުގެ މިނިވަންކަމަށް ބުރޫ އަރައި ގައުމަށް ބޮޑެތި ގެއްލުންތަކެއް ދިމާވެދާނެ ކަމަށް ވިދާޅުވެ އެކަމާ މެދު ސަމާލުވުމަށް، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއާގެ މަގާމު ލިބިވަޑައިގެންފައިވާ، އަބްދުއްސައްތާރު މޫސާ ދީދީ ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފި އެވެ.


މިނިވަން ދުވަހުގެ މުނާސަބަތުގައި، ސަންއެފްއެމުން ރޭ ގެނެސްދިން، "މިނިވަންކަމުގެ ހިޔަލުގައި" މި ޕްރޮގްރާމްގައި، ވާހަކަ ދައްކަވަމުން، ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށްޓަކައި ކުރީގެ ރައީސް ސުމުއްވުލް އަމީރު އަލްމަރްޙޫމު އިބްރާހިމް ނާސިރުގެ އަރިހުގައި އިސްކޮށް މަސައްކަތް ކުރެއްވި، އަބްދުއްސައްތާރު މޫސާ ދީދީ ވިދާޅުވީ، ރާއްޖެއަށް މިނިވަންކަން ލިބިފައި ވަނީ، ހިތްވަރާއި އަޒުމާއެކު ކުރެއްވި ވަރުގަދަ މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ. އަދި ރާއްޖެ ފާހަގަކުރަމުންމިދާ 45 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެންމެހާ ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ތަހުނިޔާ ވިދާޅުވި އެވެ.


ސުމުއްވުލް އަމީރު އަލްމަރްހޫމު އިބްރާހިމް ނާސިރާއި، ރައީސް މައުމޫނުގެ ވެރިކަމުގައި ވެސް ސަރުކާރުގެ އިސް މަގާމުތަކެއް އަދާ ކުރައްވާފައިވާ، އަބްދުއްސައްތާރު މޫސާ ދީދީ، ސަންއެފްއެމުގެ ޕްރޮގްރާމުގައި ރޭ ބައިވެރިވަޑައިގެންނެވީ، ރާއްޖެއަށް މިނިވަންކަން ލިބުމުގެ އެގްރީމެންޓްގައި 26 ޖުލައި 1965 ގައި ރައީސް ނާސިރު ސޮއިކުރެއްވި ޕާކަރު ގަލަންކޮޅު ހިއްޕަވައިގެންނެވެ. ރަންކުލައިގެ ދޯރިއެއް ޖަހައިފައިވާ މެރޫން ކުލައިގެ މި ގަލަންކޮޅު ލިބިވަޑައިގެންނެވި ގޮތް ވިދާޅުވެދެއްވަމުން އަބްދުއްސަތާރު މޫސާދީދީ ވިދާޅުވީ، އެ ގަލަންގޮޅު ދެއްވީ ނާސިރު ކަމަށެވެ. ނަމަވެސް ދެއްވި ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އަބްދުއްސައްތާރު ވިދާޅުވި އެވެ.


ނާސިރަށްފަހު މި ގަލަންކޮޅުން ސޮއިކުރައްވާފައިވާ އިއްޒަތްތެރިންގެ ތެރޭގައި އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ އިތުރުން ދުނިޔޭގެ އެންމެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ސްރީލަންކާގެ އޭރުގެ ބޮޑުވަޒީރު، ސިރީމާވޯ ބަންޑާރަނަޔަކަ ހިމެނިވަޑައިގަންނަވާނެ އެވެ. އަދި ރޭގެ ޕްރޮގްރާމްގައި، ޕްރޮގްރާމް ހުށަހަޅުއްވައިދެއްވި، ސަންއެފްއެމްގެ ސްޓޭޝަން އިންޗާޖު، މުހައްމަދު ޝަހީބާއި، ޕްރޮގްރާމް ކޮންސަލްޓަންޓް ފަރެސް މުހައްމަދު އާމިރު ވެސް ވަނީ މި ގަލަންކޮޅުން ސޮއިކުރައްވައިފަ އެވެ.


މި ތާރީހީ ގަލަންކޮޅަށް ހައްދަވާނެ ގޮތް ވެސް ރޭ އެމަނިކުފާނު ވިދާޅުވެދެއްވި އެވެ. އަބްދުއްސައްތާރު މޫސައިދީދީ ވިދާޅުވީ، ބޭނުންފުޅުވަނީ އެ ގަލަންކޮޅު އެމަނިކުފާނުގެ އަތްޕުޅުގައި ބޭއްވުމަށް ކަމަށެވެ.


ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އިއްޒަތްތެރިއެއް ކަމަށްވާ ކަރަންކާ އިބްރާހިމް ރަޝީދު ވެސް ރޭގެ ޕްރޮގްރާމްގައި، ބައިވެރިވެވަޑައިގެންނެވި އެވެ. މިނިވަންކަމުގެ އެގްރިމެންޓުގައި ލަންކާގައި ސޮއިކުރެއްވި ހަބަރު ރާއްޖޭގައި އިއުލާންކުރެއްވި، އޭރު ވަޒީރުލް އައުޒަމްގެ ނައިބު އަދި ވަޒީރުލް ދާޚިލިއްޔާ އިބްރާހިމް ރަޝީދު ވެސް ވިދާޅުވީ، މިނިވަންކަމަކީ ވަރަށް ހިތްވަރާއި ހިތްމަތާއެކު ހޯދައިދީފައިވާ އެއްޗެއް ކަމަށެވެ. އަދި އެކަމަށްޓަކައި މާތް ﷲގެ ހަޒުރަތުގައި ސަޖިދަކޮށްފައިވާތީ، ރާއްޖޭގެ މިނިވަންކަން ގެއްލިދާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.