ޕިޖީ އޮފީހަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކޯޓުތަކުން މައްސަލަ ނިމޭލެއް ލަސްވުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް، މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަރީއަތް ނިމެންދެން ބަދުކޮށްފައި ތިބޭ މީހުންގެ މައްސަލަ ތަކަކީ އަބަދުވެސް ކަންބޮޑުވާ ކަމެއްކަން ފާހަގަ ކުރައްވައި ޝަމީމް ވިދާޅުވީ އެކަން ހައްލު ކުރުމަށް ތަފާތު ގޮތްތަކަށް މަސައްކަތް ކޮށްގެން ވެސް އަދި މިހާތަނަށް ނަތީޖާއެއް ނުނެރެވުނު ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނަށް އިސްލާހު ގެނެސް، ޕޮލިސީ ބަދަލު ކުރުން ހިމެނޭ ގޮތަށް ކަންތައްތަކެއް ކުރެއްވިއްޖެ ކަމަށާއި އެކަމަކު އެކަމަށް ހައްލެއް ނުލިބުނު ކަމަށެވެ.

"އަދިވެސް އެކަން އޮތީ ހަމަ އެގޮތަށް. އެހެންވީމަ އެއީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް. އެކަމަށް އަލިމަގެއް ފެނިއްޖެ ނަމަ އަޅުގަނޑު ހިތުން ޕީޖީގެ މަސައްކަތަށް ވެސް ތަންކޮޅެއް ބޮޑަށް ލުއި ވެގެން ދާނެ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެކަން ބަދަލު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ކްރިމިނަލް ކޯޓާއެކު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިހާރުވެސް ޕީޖީ އޮފީހުން ބައެއް މައުލޫމާތު ނަގައިގެން އަތޮޅުތަކަށް އަމާޒު ކޮށްގެން ވެސް ހަރަކާތްތަކެއް އެބަ ރާވާކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަންނަ ހަފްތާ ތެރޭގައި އެކަން ފެށިގެންދާނެ،" ޝަމީމް ވިދާޅުވިއެވެ.

ތަޖުރިބާ ކުރުމުގެ ގޮތުން އެ ހަރަކާތް އެންމެ ފުރަތަމަ ފައްޓަން ޖޭއެސްސީން ނިންމާފައިވަނީ ރ. އަތޮޅުގައެވެ.

"އަޅުގަނޑަށް އެނގޭ ކިތަށް މީހުންކަން ތިބީ. ކޮންކޮން ފަނޑިޔާރުންނެއް ކަން މައްސަލަ ބައްލަވަނީ. އަދި ކޮން ފަނޑިޔާރުންނެއް ކަން މައްސަލަ ނުބައްލަވަނީ. އަދި ނުބައްލަވާ ގަޑިވެސް. ބައެއް ފަނޑިޔާރުން ގެއަށް ވަޑައިގަންނަވާ ގަޑިއާއި މި ހުރިހާ މައުލޫމާތެއް އަޅުގަނޑުމެންނަށް އެނގޭ،" ޝަމީމް ވިދާޅުވިއެވެ.