ކުރީގެ ބަންޑާރަ ނައިބު އަދި ސާކްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ދިޔާނާ ސައީދު އިދިކޮޅު އެމްޑީޕީ އިން ވަކިވެވަޑައިގެންފި އެވެ.

ދިޔާނާ މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްޑީޕީ އިން ވަކިވެވަޑައިގަތީ އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރާ ބޭފުޅުންގެ ރުހުމާ އެކު ގާނޫނާ ހިލާފަށް ކަންތައްތަކެއް ހިންގާތީ ކަމަށާއި އަދި މިހާރު ވެސް އެފަދަ ކަންކަން ހިންގާތީ ކަމަށެވެ.

ގާނޫނާ ހިލާފަށް ހިންގާ ކަންކަމުގެ ތަފުސީލެއް ދިޔާނާ ނުދެއްވަ އެވެ.

ނަމަވެސް ދިޔާނާ ވިދާޅުވީ އޭނާ ސާކްގެ ސެކްރެޓަރީ ޖެނެރަލް ކަމުން ޖެނުއަރީ މަހު ވަކިވެވަޑައިގަތުމަށް ފަހު ވެސް ޕާޓީން ވަކިވަޑައިނުގެން ހުންނެވީ އެ ޕާޓީ ރިފޯމް ކުރާނެ ބަޔަކު ކުރިއަށް ނުކުންނަވައި އެކަން ކުރައްވާނެ ކަމުގެ އުންމީދުގައި ކަމަށާއި ނަމަވެސް މިހާރު އެކަން ކާމިޔާބު ވާނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވީ އެމްޑީޕީގެ އިސް ސަފުގައި ތިބި ބަޔަކު ގާނޫނާ ހިލާފު ކަމެއް ކުރާކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އަދި އެފަދަ ކަމެއް އެ ޕާޓީގެ އިސް ސަފުން ލީޑް ނަގައިގެން ނުވެސް ނުކުރާނެ ކަމަށެވެ.