ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް ވިނީޝިއަސް ޖޫނިއާއަށް ނަސްލީ ފުރައްސާކުރި މައްސަލަ ލަލީގާއިން ކުށްވެރިކޮށްފިއެވެ.

އާދީއްތަ ދުވަހު ރެއާލްއާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗުގެ ކުރިން މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގެ ބޭރުގައި އެތުލެޓިކޯގެ ސަޕޯޓަރުން ވިނީޝިއަސްއަށް ނަސްލީ ފުރައްސާރަ ކުރާ ވީޑީއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.

އެ ވިޑިއޯއިން ފެންނަ ގޮތުގައި ވިނީޝިއަސް ދަނޑަށް ވަންނަން އައުމުން އެ ސަރަހައްދަށް އެއްވެފައި ތިބި އެތުލެޓިކޯގެ ސަޕޯޓަރުން ވަނީ ވިނީޝިއަސްއާ ދިމާލަށް "ކަލޭތީ ރާމާމަކުނެއް"، "ކަލޭތީ ރާމާމަކުނެއް" އެހެން ގޮވައިފައެވެ. އެވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި "ވިނީޝިއަސް މަރުވޭ" އެފަދަ އެއްޗިހި އެތުލެޓިކޯގެ ސަޕޯޓަރުން ވަނީ ގޮވައިފައެވެ.

އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންްމުވުމުން ލަލީގާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެކަކު އަނެކަކަށް ނަފުރަތު އުފެދޭ ގޮތަށް "ހޭޓް ސްޕީޗް" ފެތުރުމަކީ އެ ލީގުން އެއްވެސް ގޮތަކަށް ޖާގަ ދޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ލަލީގާއިން ބުނެފައި ވަނީ އެފަދަ މައްސަލަތައް ދެނެގަނެ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކްލަބްތަކާއި އިދާރާތަކާ ގުޅިގެން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ސްޓޭޑިއަމްތަކުގެ ބޭރުން ހިނގާ އެފަދަ ކަންކަން ބަލައި ޓީމުތަކާ ގުޅިގެން ފުޓުބޯޅައިގެ ރޫހާ އެއްގޮތަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރާނެކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

"ލަލީގާއިން އަބަދުވެސް ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދެއްކުން ނުވަތަ މާރާމާރީގެ އެއްވެސް ހާދިސާއެއް ހިނގާނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށް ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދޭނެ،" ލަލީގާގެ ބަޔާނުގައި ވެއެވެ.

ލަލީގާއިން އަދި ރެއާލް މެޑްރިޑުން އެކަން ކުށްވެރިކޮށް ވާހަކަ ދެއްކިނަމަވެެސް އެތުލެޓިކޯއިން އެކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ނުބުނެއެވެ.