01 Apr 2012, 21:32
ބެންކޮކް (އެޕްރީލް 1) : ތައިލެންޑްގެ ދެކުނުގައި ހިންގި ބޮންގޮއްވުމުގެ ޙަމަލާތަކެއްގައި 13 މީހަކު މަރުވެ 500 އެއްހާމީހުން ޒަޚަމްވެއްޖެއެވެ.
މިބޮންތައް ގޮއްވާލާފައިވަނީ ތައިލެންޑްގެ ދެކުނުގެ ޔާލާ ސަރަޙައްދުގައި ކަމަށާއި ޖެހިޖެހިގެން 3 ބޮން ގޮއްވާލާފައިވާ ކަމަށް ތައިފުލުހުން ބުނެއެވެ. މީގެތެރެއިން އެއްބޮމަކީ ކާރުބޮމެއް ކަމަށް ބެލެވޭ ކަމަށް ތައި ސިފައިންގެ ތަރްޖަމާނެއް ކަމަށްވާ ކާރނަލް ބްރާމަތް ބްރުމިން ވިދާޅުވިއެވެ. ޔާލާއަކީ 2004 ން ފެށިގެން ކުއްލިޙާލަތު އިޢްލާންކޮށްފައިވާ ސަރަޙައްދެކެވެ.
ތައިލެންޑްގެ ދެކުނުގެ ތިން ސަރަޙައްދު ކަމަށްވާ ފަޓާނީ، ޔާލާ އަދި ނާރާތުވައިތަކީ މުސްލިމުން ގިނަ ސަރަޙައްދުތަކެކެވެ. މިތިން ސަރަޙައްދުގެ ރައްޔިތުން ގެންދަނީ 2004 ވަނަ އަހަރުން ފެށިގެން ލާމަރުކަޒީ ޒާތީ ވެރިކަމަކަށް އެދެމުންނެވެ. މިތިން ސަރަޙައްދުގެ ރައްޔިތުންނާމެދު ތަފާތުތައް ގެންގުޅޭ ކަމުގެ ތުހުމަތު ތައިލެންޑް ސަރުކާރުގެ މައްޗަށްވަނީ ކުރެވިފައެވެ. މިސަރަޙައްދުތަކުގެ ހަނގުރާމަވެރިންނާއި ތައިސަލާމަތީ ބާރުތަކާ ދެމެދު ވަރަށް ގިނައިން ޙަމަލާތައް ބަދަލުކުރެވެމުން ދެއެވެ. -- އަލްޖަޒީރާ