20 Sep 2022, 11:25
ސިއްހީ ދާއިރާއަށާއި ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ޑރ. ޢަބްދުﷲ ވަޙީދު މިއަދު އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 65 އަހަރުގައި ޑރ. ޢަބްދުﷲ ވަޙީދު މީގެ ކުޑައިރުކޮޅެއް ކުރިން އަވަހާރަވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޢަބްދުﷲ ވަޙީދު ވަނީ ސިއްހީ ދާއިރާގެ އިސް މަގާމުތަކެއް ވެސް ފުރުއްވައިފައެވެ. އޭގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ނިމިދިޔަ ސަރުކާރުގައި ކުރެއްވުމުގެ އިތުރުން އައިޖީއެމްއެޗްގެ ޑިރެކްޓާ ޖެނެރަލް މެޑިކަލް ސާވިސަސްގެ މަގާމު ވެސް ފުރުއްވިއެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވިއެވެ.
އޭގެ އިތުރުން ޢަބްދުﷲ ވަޙީދަކީ ލިޔުންތެރިއެކެވެ. ބައެއް ނޫސްތަކަށާއި އަމިއްލަ ބްލޮގްގައި ސިއްހީ އަދި ތާރީހީ ގިނަ ލިޔުއްތަކެއް ވަނީ ލިޔުއްވާފައެވެ.