20 Sep 2022, 10:52
މަޖީދީމަގު ޔޫރޯ ސްޓޯރު ކައިރިން ފުލުހުން ތަކަކަށް ހަމަލާދިން މައްސަލައާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލަ ބަލައިގެންފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިންނެވި 38 މެމްބަރުންގެ އިއްތިފާގުންނެެވެ.
މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ އޮފް ޑިއުޓީގައި އުޅުނު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ތިން ފުލުހަކަށް މި މަހުގެ ނުވަ ވަނަ ދުވަހު ދިން ހަމަލާ ވެގެން ދިޔައީ ފަހަކަށް އައިސް ފުލުހުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަށް އިތުރުވި ނުރައްކާތެރި ބޮޅަކަށް ކަމަށެވެ.
"މި ހަމަލާ ދިން ފަރާތްތައް ދެނެގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވީ ނަމަވެސް މިއީ ވަރަށް ނުރައްކާތެރި އަދި ސީރިއަސްކޮށް ބަލައި ދިރާސާކޮށް، ހައްލެއް ހޯދަން ޖެހޭ މައްސަލައެއް ކަމަށް ގަބޫލު ކުރެވޭ،" މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ޖާބިރު ވިދާޅުވީ އެކަމުގެ ގެއްލުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް ކުރާނެ ކަމަށެވެ.
އަދި ގޭންގުތަކާއި މަސްތުވާތަކެތީގެ ނެޓްވޯކުތަކުން އެއްވެސް ބިރެއް ނެތް ކަމަށާއި، އަދަބެއް ނުދެވޭނެ ކަމުގެ ޔަގީން ކަން އެ މީހުންނަށް އޮތް މިންވަރު މި މައްސަލައިން އެނގޭ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ފުލުހުންތަކަށް ހަމަލާދިން މައްސަލައިގައި ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު އެ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ޑްރަގްގެ މައްސަލަތައް ހައްލުކުރުމަށް މިހާރަށް ވުރެ ފުޅާ، ހަރުދަނާ ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމަށެވެ. އަދި ފުލުހުންގެ ވާޖިބު އެންމެ އެދެވޭގޮތުގައި ފުރިހަމަ ކުރުމަށް ފުލުހުންނަށް އިތުރު ހިތްވަރާއި ރައްކާތެރިކަން ބޭނުންވާކަމަށް ސީޕީގެ ޓްވީޓުގައިވެއެވެ.
ސީޕީގެ ޓްވީޓުން އެނގޭގޮތުގައި ފުލުހުންނަށް ހަމަލާދިނީ މާލޭގައި މަޝްހޫރު ގޭންގަކުންނެވެ. އެ ތިން ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބުމާ ގުޅިގެން ވަނީ ފަރުވާދީފައެވެ.
އެ މައްސަލާގެ ތުހުމަތަށް އަށް މީހަކު ހައްޔަރުކޮށް ވަނީ ބަންދުގެ މުއްދަތު ޖަހައިފައެވެ.