ޓެލްއަވީވް (އެޕްރީލް 01): މިސްރުގެ ރިޔާސަތަށް އެޤައުމުގެ އިސްލާމީ ޚިޔާލުގެ އިޚްވާނުލްމުސްލިމީން ޖަމާއަތުގެ ކެންޑިޑޭޓަކު ކުރިމަތިލުމުން އެކަމާމެދު ކަންބޮޑުވާކަން އިސްރާއީލުން ހާމަކޮށްފިއެވެ.

އެމެރިކާގެ ނޫހެއްކަމަށް ވޮޝިންގޓަން ޓައިމްސް އަށް ދެއްވި ބަސްދީގަތުމެއްގައި އިސްރާއީލުގެ މަސްއޫލުވެރިއަކު ވިދާޅުވީ މިސްރުގެ ރިޔާސަތަށް އިޚްވާނުލްމުސްލިމީން ޖަމާއަތުގެ ކެންޑިޑޭޓަކު ކުރިމަތިލުމަށް ނިންމި ނިންމުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައެވެ. ނަންހާމަނުކުރާ އިސްރާއީލުގެ މިމަސްއޫލުވެރިޔާ ވިދާޅުވީ އިޚްވާނުލްމުސްލިމީންއަކީ އިސްރާއީލުގެ ރަހްމަތްތެރިންނޫން ކަމަށާއި އެޖަމާއަތާއި އެޖަމާއަތަށް ނިސްބަތްވާ ފަރާތްތަކުން އިސްރާއީލަށް ހެޔޮނޭދޭ ކަމުގައެވެ.

އިޚްވާނުންގެ ކެންޑިޑޭޓަކު މިސްރުގެ ވެރިކަމަށް އައިސްފިނަމަ މިސްރުގެ ސިޔާސަތު އޮންނާނެ ގޮތަކާމެދު ސުވާލުއުފެދޭ ކަމަށްވެސް އިސްރާއީލުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ. އެމެރިކާއިންވަނީ މިސްރުގެ ރިޔާސަތަށް އިސްލާމީ ޚިޔާލުގެ އިޚްވާނުލްމުސްލިމީން ޖަމާއަތުގެ ކެންޑިޑޭޓަކު ކުރިމަތިލުމުން އެކަމާމެދު ބަހެއްބުނުމަށް ދެކޮޅުހަދާފައެވެ.

އެމެރިކާގެ ނުފޫޒުގެ ދަށުގައިވާ ކަމަށް ތުހުމަތުކުރެވޭ މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވެއްޓުމުން އެމެރިކާގެ ބައެއް މަސްއޫލުވެރިންނާއި އިސްރާއީލުވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. މުބާރަކްގެ ނިޒާމް ވެއްޓުމާއެކު މިސްރުގައި ސިޔާސީ ގޮތުން އެންމެ ބާރުގަދަ ޖަމާއަތެއްގެ ގޮތުގައި ފާޅުވެފައިވަނީ އިޚްވާނުންނެވެ. މިކަން ހާމަވެފައިވަނީ މދިޔައަހަރު މިސްރުގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބުގެ ނަތީޖާއިންނެވެ.

މިސްރުގެ ރިޔާސަތަށް އެޤައުމުގެ އިޚްވާނުލްމުސްލިމީން ޖަމާއަތަށް ނިސްބަތްވާ ޕާޓީން ކުރިމަތިލާފައިވަނީ މުޙައްމަދު ޚީރަތުއްޝާތިރެވެ. އޭނާއަކީ އިންޖިނޭރެކެވެ. -- އަލްޢާލަމް