19 Sep 2022, 23:42
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙުމަދު އިނގިރޭސީ ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފިއެވެ.
ރާނީގެ ޖަނާޒާގައި ބައިވެރިވުމަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގަތް ރައީސްގެ ދެ ކަނބަލުން ވަނީ ރާނީއަށް އެންމެ ފަހުގެ އިޙްތިރާމް އަދާ ކުރައްވާފައެވެ. އަދި އިނގިރޭސި ސަރުކާރުގެ ޑިޕާޓްމެންޓެއް ކަމަށްވާ ފޮރިން އެންޑް ކޮމަންވެލްތު އޮފިސް ހުންނަ ލެންކަސްޓާ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ދެ ބޭފުޅުން ވަނީ ލިޔުއްވާފައެވެ.
އިނގިރޭސި ރަސްމީ އެންމެ މަތީ އިއްޒަތުގައި ރާނީ މިއަދު ފަސްދާނުލާފައި ވަނީ އެކަމަނާ އިނގިރޭސިވިލާތަށާއި ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކުރުމަށްފަހުގައެވެ.
ރާނީގެ ޖަނާޒާ ބޭއްވީ އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުންނާ ގުޅޭ ދީނީ ރަސްމިއްޔާތުތައް ބާއްވާ ފައްޅި ކަމަށްވާ ވެސްޓްމިނިސްޓާ އަބޭގައެވެ. އެ ޖަނާޒާގައި އިނގިރޭސި ޝާހީ އާއިލާގެ މެމްބަރުންނާއި، އިނގިރޭސި ދައުލަތުގެ އެންމެ އިސްވެރިންނާއި، ކޮމަންވެލްތުގެ ގައުމުތައް ހިމެނޭ ގޮތަށް ގިނަ ގައުމުތަކެއްގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާންމު ރައްޔިތުންގެ ގިނަބަޔަކު ވެސް އެ ޖަނާޒާގައި ބައިވެރިވިއެވެ.
އެ ޖަނާޒާއަށް ފަހު އިނގިރޭސި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑެވެލޮޕްމެންޓް އެފެއާޒް ޖޭމްސް ކްލީވާލީ ދެއްވި ފަރިއްކޮޅެއްގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ދަތުރުފުޅަށް ފަހު ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އުމުރުފުޅުން 96 އަހަރުގައި ރާނީ އަވަހާރަވީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. ރާނީ އެލިޒަބަތު ދެވަނައަކީ މިހާތަނަށް އެންމެ ގިނަ ދުވަހު އިނގިރޭސި ތަޚުތުގައި އިންނެވި ބޭފުޅާއެވެ. އެގޮތުން އެކަމަނާ ވަނީ މެދުނުކެނޑި 70 އަހަރަށްވުރެ ގިނަ ދުވަހު ރަނިކަން ކުރައްވާފައެވެ.
ރާނީ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް ހަ ވަނައިގެ ހަނދާނީ ފައްޅީގެ ގޯތިތެރޭގައެވެ. އެ ފައްޅި ހުންނަނީ ޝާހީ ކިއްލާއެއް ކަމަށްވާ ވިންޑްސާ ކާސަލްގެ ގޯތިތެރޭގައެވެ.
ރާނީގެ އިދާރީ މައި އޮފީސް ހުންނަ ބަކިންހަމް ޕެލެސްއިން ހާމަކޮށްފައިވާ ގޮތުގައި އެލިޒަބަތު ދެވަނަ ފަސްދާނުލާއިރު، މީގެ ދޮޅު އަހަރުކުރިން އަވަހާރަވެފައިވާ އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕް ނުވަތަ ޑިއުކް އޮފް އެޑިމްބަރާ ވެސް އެކަމަނާގެ ކައްވަޅުގެ ކައިރީގައި އެހެން ކައްވަޅެއްގައި ފަސްދާނުލާނެއެވެ.
ޕްރިންސް ފިލިޕްގެ ސަންދޯއް މިވަގުތު އޮތީ ވިންޑްސާ ކާސަލްގެ ގޯތިތެރޭގައި ހުންނަ، ކިންގް ޖޯޖް ހަ ވަނައިގެ ހަނދާނީ ފައްޅީގެ ބިންގަރާހުގައެވެ. ރާނީގެ ހަށިކޮޅު އެފައްޅީގެ ގޯތިތެރޭގައި ފަސްދާނުލާއިރު، ޕްރިންސް ފިލިޕްގެ ސަންދޯއް ވެސް އެތަނުން ނަގައިގެން ގެންގޮސް، ރާނީގެ ކައްވަޅުގެ ކައިރީގައި އެހެން ވަޅެއް ކޮނެފައި ފަސްދާނުލާ ގޮތަށް ވަނީ ހަމަޖެހިފައެވެ.