01 Apr 2012, 20:17
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކެބިނެޓްގެ މިނިސްޓަރުންނަށާއި ނައިބު ރައީސް މުހައްމަދު ވަހީދުއްދީނަށް ރުހުން ދޭން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރު އަދި ޕާޓީގެ ސްޕޯކްސް ޕާސަން އިންޓަނޭޝަނަލް އެފެއާޒް ހާމިދު އަބްދުލް ޣަފޫރު މިރޭ ވިދާޅުވީ އެކަން އެ ގޮތަށް ނިންމާފައި ވަނީ މިއަދު ނޫން ކަމަށާއި ޕާޓީގެ ގައުމީ މަޖިލީހުން ކުރިން ވެސް އެކަން އެގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި ޕާޓީގެ އެހެން ގުނަވަންތަކުން ވެސް ގައުމީ މަޖިލީހުގެ އެ ނިންމުން ބަލައިގެންފައިވާތީ ޕާލަމެންޓްރީ ގްރޫޕް ވެސް ނިންމާފައި ވަނީ ރުހުން ނުދިނުމަށް ކަމަށެވެ.
"މިއަކީ އެމްޑީޕީން މިއަދު ނިންމައިގެން އުޅޭ ކަމެއް ނޫން މިހާރު އޮތް ސަރުކާރަކީ ބަގާވާތަކުން އައިސްފައިވާ ސަރުކާރެއް ކަމަށް އަޅުގަނޑުމެން ވަނީ ނިންމާފައި. އަދި ކުރިން އޮތް އެގްޒެކެޓިވް ބަޣާވާތަކުން ރޫޅައިލި ހިސާބުން ފެށިގެން ސަރުކާރުން ހުށަގަޅާ އެއްވެސް ކަމެއް ގައި އެއްބާރުލުން ނުދޭ ނިމިފައި އޮތީ އެހެންވީމާ ރުހުމެއް ނުދޭނެ ނޫންތޯ؟ އެކަމީ މިއަދު ނިންމައިގެން އުޅޭ ކަމެއް ނޫން،" ހާމިދު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ސްޓޭންޑް އަޅުގަނޑުމެން ވާނީ ކުރިން ވެސް ބުނެފައި. ރިޔާސީ ބަޔާނަށް ޖަވާބު ދިނުމުގައި ވެސް އަދި ރުހުން ދިނުމުގައި ވެސް،"
ރައީސް ވަހީދުގެ ސަރުކާރުގެ ނައިބު ރައީސާއި 14 މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.