01 Apr 2012, 19:11
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިއަހަރަށް ކަޑައަޅާފައިވާ ބަޖެޓަށް މަޖިލީހުން މިހާރުން މިހާރަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި ކަމަށާއި ބަޖެޓް އަލުން މަޖިލީހަށް ހުށަހަޅާ އިސްލާހުކުރަން ފެނިވަޑައިގަންނަވާ ކަމަށް ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް މިހާރު ޒިޔާރަތްކޮށްގެން އުޅޭ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ވަފުދުން ރައްޔިތުން މަޖިލީހުގެ މެންބަރުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ ބަޖެޓުގައި ހުރި ބައެއް ބޮޑެތި ކަންތައްތަކަށް ފައިނޭންސް ކުރަން ސަރުކާރުގައި ފައިސާ ނެތް ކަމަށާއި ލިބޭނެ ކަމަށް ލަފާ ކުރި ބައެއް ފައިސާ ނުލިބޭނެ ކަމަށެވެ.
"މާދަން އޮންނަ ކެބިނެޓް ބައްދަލުވުމަށް އައިއެމްއެފުގެ ހުށަހެޅުންތައް ހުށަހެޅުން އޮންނާނެ. އެއަށް ފަހު ކެބިނެޓުން ބަޖެޓު މަޖިލީހަށް ފޮނުވަން ނިންމާނީ. އަޅުގަނޑު ކެބިނެޓުގައި ހިމެނޭ މީހެއްގެ ގޮތުން ބުނާނީ ބަޖެޓަށް ބަދަލުތަކެއް ގެނެސް ބަޖެޓް އެބަ އިސްލާހުކުރަން ޖެހެޔޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެ ވަނީ އިގްތިސޯދީ ވަޅުގަނޑެއްގައި ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އުފައްދާފައިވާ 67 ކުންފުންޏަކަށް ބަޖެޓުން ހަރަދުކުރަން ޖެހޭ އިރު ބައެއް ކުންފުނިތަކުން ފަށާފައިވާ ޕްރޮޖެކްޓްތައް ފައިސާ ނެތިގެން ނުފެށި އަދި ނުނިމިވެސް އެބަހުރި ކަމަށެވެ. އެ ޕްރޮޖެކްޓްތަކަށް ފައިސާ ހޯދާނީ ކޮންގޮތަކުންތޯ ވެސް މިނިސްޓަރު ސުވާލުކުރެއްވި އެވެ.
"އެންމެ މިސާލެއް ނަގަމާ! ވޯކްސް ކޯޕަރޭޝަން އެ ކުންފުނިން ކޮންޓްރެކްޓް ކޮށްފައި ހުރި ޕްރޮޖެކްޓްތައް އެބަހުރި 400 އާއި 500 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް. ކޮންޓްރެކްޓް ފައިނޭންސްގައި ކުރިއަށް ގެންދާ ގޮތަށް. އެކަމަކު އެބޭފުޅުންނަށް އެ ފައިނޭންސް ނުލިބުނީމަ އަޅުގަނޑުމެން އެއަށްވެސް ފައިނޭންސްކޮށްދޭން ޖެހެނީ،" ޖިހާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރަށު ކައުންސިލްތަކަށް ކަޑައެޅިފައިވާ ބަޖެޓުން ވެސް ކައުންސިލްތަކުގެ ހަރަދުތައް ފޫނުބެއްދޭ ކަމަށާއި އިތުރަށް ފައިސާ ހޯދަން ކައުންސިލްތަކުން އެދެމުން އަންނަ ކަމަށެވެ. ނަމަވެސް ފިނޭންސްގައި ފައިސާ ހުރީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހަށް ކައުންސިލްތަކުގެ ރިކަރަންޓް ހަރަދުތައް ފޫބެއްދޭ ވަރުގެ ފައިސާ ކަމަށެވެ.
"އަޅުގަނޑުގާތުގައި ކައުންސިލްތަކުން އެދޭ އިތުރަށް ފައިސާ ބޭނުންވާ ވާހަކަ. އަޅުގަނޑު އެބޭފުޅުންނަށް ދަންނަވަނީ އަޅުގަނޑުމެން، ފިނޭންސްގައި ފައިސާއެއް ނެތޭ. އަޅުގަނޑުމެންނަށް ކޮށްދެވޭނެ ކަމަކީ އެއް ބަޖެޓް ކޯޑުން އަނެއް ކޯޑަށް ފައިސާ ބަދަލު ކުރުމޭ،" ޖިހާދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފައިސާ ދައްކަންޖެހޭ ބިލްތަކުގެ ޖުމްލަ ބިލިއަނެއްހާ ރުފިޔާއަށް އަރާ ކަމަށާއި އެ ބިލްތަކަށް ވެސް ފައިސާ ދައްކަންޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މުވައްޒަފުންގެ މުސާރަތައް ވެސް ދެނީ ދައްކަން ހުންނަ ބައެއް ޕޭމަންޓްތައް ލަސްކޮށްލުމަށްފަހު ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވެސް ބައެއް މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުމަކީ ސަރުކާރުގެ ހަރަދުތައް ބޮޑުވާ މައްސަލަ އެވެ. އެކަމަށް ސަރުކާރުގެ އެޑްރެސް ނުކުރާ މައްސަލަ އެވެ.
ބަޖެޓުގެ ޖުމްލަ 17.1 ބިލިއަން ރުފިޔާ އަށް އަރާއިރު ދައުލަތުގެ އާމްދަނީ 11.48 ބިލިޔަން ރުފިޔާ އަށްއަރާނެ ކަމަށް ދައުލަތުން ލަފާކޮށްފައި ވީނަމަވެސް އައިއެމްއެފުންވެސް އަދި ސަރުކާރުން ވެސް ބުނަނީ ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ ނުލިބޭނެތީ ބަޖެޓް ދެ ބިލިއަނެއްހާ ރުފިޔާއިން ޝޯޓްވާނެ ކަމަށެވެ.