ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގައި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންގެ އަމަލީ ތަޖުރިބާ އޭޑީކޭ ހޮސްޕިޓަލުގައި ފުރިހަމަ ކުރުމުގެ ފުރުސަތު ދިނުމަށް އެމްއެންޔޫ އާއި އޭޑީކޭއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުޙައްމަދު ޝަރީފްއެވެ. އަދި އޭޑީކޭގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙްމަދު އަފްއާލްއެވެ.

އެކަމާ ގުޅޭގޮތުން އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ ސިއްހީ ހިދުމަތާ ގުޅޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މުސްތަގުބަލުގައި ސިއްހީ ހިދުމަތްތެރިންނަށް ވާން ތިބި މީހުންނަށް ރަނގަޅު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ހޯދައިދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޑޮކްޓަރުކަން ކިޔަވާ މީހުން ދަސްކުރަން ޖެހޭ އަމަލީ ކަންކަން ދަސްކުރުމަށް އެކި ހޮސްޕިޓަލުތަކުގައި ކިޔަވާ ކުދިން މިހާރު ވެސް އުޅެއެވެ.

ހަމައެއާއެކު އަމަލީ ގޮތުން ކިޔެވުމުގެ ތެރެއިން އެ ކުދިން ހޮސްޕިޓަލުތަކުގައި ހޭދަކުރާ މުއްދަތީ ކިޔެވުމަށް މުހިއްމު ދުވަސްތަކަކެވެ.