19 Sep 2022, 09:26
އެތުލެޓިކޯގެ މައްޗަށް ކުރި ހޯދައި ރެއާލް މެޑިރިޑް ލަލީގާ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ.
އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ރެއާލްއިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ރެއާލްގެ ރޮޑްރީގޯ ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ރެއާލްގެ ޒުވާން މިޑްފީލްޑަރު އައުރޭލިން ޗުއަމެނީގެ އެހީތެރިކަމާއެކު އޭނާ ޖެހި ގޯލެކެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ރެއާލްއިން ވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހައި މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ގޯލަކީ މި ސީޒަންގައި ރަނގަޅު ފޯމެއްގައި ހުރި ރެއާލްގެ ފެޑެރީކޯ ވަލްވޭޑޭ ޖެހި ގޯލެކެވެ. އޭނާ އެ ގޯލު ޖެހީ، ވިނީޝިއަސް ފޮނުވާލި ހަމަލާ ދަނޑީގައި ޖެހިފައި އައުމުން އެ ބޯޅަ އެއްފަހަރުން ގޯލަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފުގައި އެތުލެޓިކޯއަށް ގޯލެއް ނުޖެހުނު ނަމަވެސް އެ ޓީމަށް ގޯލު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވިއެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ދަނިކޮށް ޔަނިކް ކަރާސްކޯ ގޯލަށް ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާއެވެ.
އެތުލެޓިކޯ މެޗުގައި ޖެހި ހަމައެކަނި ގޯލު ފެނުނީ 82 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އެންޓޮއިން ގްރީޒްމަން ނަގައިދިން ކޯނަރަކުން މާރިއޯ ހާމޯސޯ ޖެހި ގޯލެކެވެ.
ރެއާލްގެ އެ މޮޅާއެކު އެ ޓީމު ވަނީ ކުޅުނު ހަތް މެޗުން 18 ޕޮއިންޓް ހޯދައި ތާވަލުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. ދެވަނައިގައި އޮތް ބާސެލޯނާއަށް ހަތް މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. އަދި މެޗުން ބަލިވި އެތުލެޓިކޯ ތާވަލުގެ ހަތްވަނައިގައި އޮތީ ކުޅުނު ހަތް މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ.