19 Sep 2022, 00:37
މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ގައުމީ މަޖިލީހުގެ މެންބަރު އަޙްމަދު ރަޝީދު (ޕޮލި އަޙްމަދު)އަށް ހަމަލާދިން މީހާއަށް ގާނޫނުގެ ތެރެއިން ލިބެންޖެހޭ ހައްގު އަދަބު ވީ އެންމެ އަވަހަކަށް ދިނުމަށް ކަމާ ގުޅޭ ހުރިހާ ފަރާތްތަކަށް އެ ޕާޓީން ގޮވައިލައިފިއެވެ.
ޕޮލި އަޙްމަދަށް ހަމަލާދީފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފުވައްމުލަށް ސިޓީ، ކެފޭއެއްގެ ތެރެއިންނެވެ.
މި ހަމަލާ ކުށްވެރިކޮށް އެމްޑީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓަކު، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު، ޕޮލި އަޙްމަދަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެމްޑީއޭ ގައުމީ ސަފަށް ފުރިހަމަ ސިއްހަތުގައި ތެދުވެ، މަސައްކަތް ކުރަމުން ދަނީ އެފަދަ އެންމެހާ އަނިޔާވެރި ޢަމަލުތައް ހުއްޓުވައި ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމު ކުރުމުގެ މަތިވެރި އުއްމީދުގައިކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
"އެއްވެސް ފަރާތަކަށް ނުހައްގުން ކުޑަވެސް އަނިޔާއެއް ލިބުމަކީ މި ޕާޓީ، ކިތަންމެ ކުޑަ މިންވަރަކަށް ވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި މި ޕާޓީ އަބަދުވެސް އިސްކުރާނީ އަމާންކަމާއި ސުލްހަވެރިކަމުގެ އެންމެ ރިވެތި ގޮތް ކަމުގައި ދަންނަވަމެވެ،" ބަޔާނުގައި ވެއެވެ.
އުއްމީދަކީ ފުވައްމުލަކުގައި އެމްޑީއޭގެ ހަރަކާތްތައް ފުޅާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އޭނާއަށް ބައިވެރިވުމުގެ ފުރުސަތު ވީހާ ވެސް އަވަހަށް ލިބުން ކަމަށް ވެސް އެމްޑީއޭއިން ބުންޏެވެ.