ގައުމީ ހެލްތު އިންޝުއަރެންސް ހިދުމަތް، އާސަންދައިން ގިނަ ބަޔަކު ފަރުވާ ހޯދަމުން ދިޔައަސް، ފަރުދާގެ ފުރަގަހުގައި ބައިވަރު މައްސަލަތަކެއް އެބަހުއްޓެވެ. ގައުމީ ބޮޑު ހެލްތު އިންޝުއަރެންސުގެ އާ ނިޒާމުގެ ބައްޓަން ކުރުމުގެ މައްސަލަތަކެވެ. އުސޫލެއްނެތި، އިމެއް ނެތި، ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައަޅާފައި ނުވާ ކަމަކަށް ހޭދަވަމުން ދިއުމެވެ. ގާނޫނުތަކުގެ އިމުން ބޭރުން، އާސަންދަ ނިޒާމް ބައްޓަން ކުރެވިފައިވާ ކަމެވެ. މިއީ މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބަހުސްގެ މަރުހަލާގައި މެންބަރުން އާސަންދައާ މެދު ދެއްކެވި ކުރު ޖުމްލަތަކެވެ.

~
ދުވާލެއްގެ މައްޗަށް އާސަންދައަށް ތިން މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔާ އިން ހަދުވާ ނަމަ އެއީ މުޅި އަހަރު ތެރޭގައި ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ ބޮޑު އަދަދެކެވެ. އަދި 200 މިލިއަނެއްހާ ރުފިޔާ އިން ޑެފިސިޓްވާނެ ކަމަށް އެންސްޕާއިން ބުންޏެވެ. އަދި އެވަރަށް އާސަންދައިން ބޭސް ކުރާ ނަމަ އެއީ ދޮޅު ލައްކައެއްހާ މީހުން ކޮންމެ މަހެއްގައި ބޭސް ކުރަނީ އެވެ. އެހެން ކަމަށްވާ ނަމަ އެ ވަހަރު ހަރަދު ވަނީ ބަލިވެގެން ބޭސް ފަރުވާ ހޯދާތީ ހެއްޔެވެ؟ ނޫނީ ހިދުމަތުގެ އަގު ބޮޑުވެގެން ހެއްޔެވެ؟

ސިޔާސީ ފިކުރުގައި ތިއްބަސް، އެއްވެސް މެންބަރަކު ދިވެހި ރައްޔިތުންނަށް ދެމުންދާ ހިލޭ ބޭސްފަރުވާ ކުރާ ނިޒާމް ހުއްޓާލާކަށް ބޭނުމެއް ނުވެ އެވެ. ނަމަވެސް އާސަންދަ ކުންފުނި ބަގުރޫޓްވެ، ދައުލަތުގެ މާލިއްޔާ އަށް އޮބިނޯންނަ ވަރުވުމުގެ ކުރިން ފިޔަވަޅުތަކެއް އެޅުމަށް މާލިއްޔަތު ކޮމެޓީން ފޫގަޅައިފި އެވެ.

"މިހާރު [ސަރުކާރާއި އާސަންދަ ކުންފުންޏާ ދެމެދު] ކުރެވިފައި އޮތް އެގުރިމެންޓްކީ ގާނޫނީ ގޮތުން ކުރެވޭނެ އެގްރިމެންޓެއް ނޫން. ސަބަބަކީ ރައްޔިތުންގެ މަޖިލީހުން ފާސް ނުކުރާ ބަޖެޓަކާ އެއްގޮތަށް އެގްރިމެންޓެއް ނުކުރެވޭނެ. ފިނޭން މިނިސްޓްރީ އަކަށް އެ މެންޑޭޓެއް ލިބިގެނެއް ނުވޭ. އެހެންވީމަ އުސޫލްތަކުގެ ބޭރުން އެކަން ކުރައްވާފައި ވަނީ،" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނޮޅިވަރަމްދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ މިއަދު ވެސް ކޯޓަށް ވެއްދިޔަސް އާސަންދައިގެ ހިދުމަތް ހުއްޓަލުމަށް އެ ކޯޓަކުން ހުކުމް ކުރާނެ ކަމަށެވެ. ސަބަބަކީ، ކާނަލް ވިދާޅުވި ގޮތުގައި، އާސަންދަ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމަކީ މާލިއްޔަތު ގާނޫނާ ހިލާފު އެއްބަސްވުމަކަށްވުމެވެ.

އެމްޑީޕީގެ ލާމަންޓްރީ ގްރޫޕްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސަ (ގަޕޯ) ވިދާޅުވީ އާސަންދަ ފެށުމާ އެކު ގިނަ ބަޔަކު ދުއްވައިގަތީ އޭޑީކޭ ހޮސްޕިޓަލުން ހިދުމަތް ހޯދުމަށް ކަމަށެވެ. ސަބަބަކީ އައިޖީއެމްއެޗުގެ އަގު ބޮޑުވެފައި ހިދުމަތްތައް ދެރަވަމުވުން ކަމަށާއި އެތަނުގެ ތެރޭގައި ކޮރަޕްޝަންގެ ބައިވަރު މައްސަލަތަކެއް ހުރުމުން ކަމަށް އޭނާ ތުހުމަތުކުރެއްވެވި އެވެ.

"މި ސަރުކާރުން މެޝިނަރީޒް އާއި އިމާރާތް ދީގެން ހިންގާ ތަނެއްގެ [އައިޖީއެމްއެޗްގެ] ހާލަތު ހުރިގޮތް މިއީ. އަޅުގަނޑުމެން ބޭނުންވިޔަސް އެތަނަކަށް މީހުން ނުގެންދެވޭނެ. އައިޖީއެމްއެޗުގައި އެބަހިނގާ ކޮރަޕްޝަނާއި ފައިސާދައިގެ ބައިވަރުކަންތައްތަކެއް، ]އެކަން[ ހިނގާތީ ވެސް ކަންތައްތައް މިހެން ވަނީ [ފެންވަރު ދަށް ވެފައި ހިދުމަތުގެ އަގު ބޮޑުވަނީ]. ހިދުމަތް ރަނގަޅު ނުކުރެވޭތީ ރައްޔިތުން އެތަނަށް ނުދަނީ،" ގަޕޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ކިންމެ ބޮޑު ހޭދައެއްކޮށްގެން ސިއްހީ ދާއިރާ ހަރުދަނާ ކުރަން އުޅުނަސް އެކަން ހަމަޔަކަށް ނޭޅޭނެ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެ މައްސަލަތައް ހައްލު ކުރަންތިބި މީހުންނަކީ ކޮރަޕްޓް މީހުންނަށް ވުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ބޭސްވެސް ގެންނަނީ ހެލްތު މިނިސްޓްރީގެ މީހުން ހިއްސާވާ ކުންފުނިތަކުން. މެޝިނަރީޒްތައް ވެސް ގެންނަނީ ހަމަ އެމީހުން. އެހެންވީމަ މުޅިއެއްޗަށް އަތްބާނައިގެން މުޅި އެތި ރަނގަޅަށް ދޮވެގެން ނޫނީ މިކަން ހައްލު ނުވާނެ،" ގަޕޯ ވިދާޅުވި އެވެ.

ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ ވިދާޅުވީ ކުލިނިކްތަކުން ދޭ ފެންވަރު ރަނގަޅު ހިދުމަތް ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމަށާއި ނަމަވެސް އެވަރުގެ ހިދުމަތް އާސަންދަ އިން ވެދެވޭކަށް ނެތް ކަމަށެވެ. އަދި އެފަދަ އަގު ބޮޑެތި ހިދުމަތް ދިނުމަށް ދައުލަތުގެ މާލިއްޔާ އަށް އޮބިނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާސަންދައިގެ ހިދުމަތް ދޭ ތަންތަނުން އެ ސުކީމަށް ހިދުމަތް ދޭންވާނީ ސަރުކާރު ހޮސްޕިޓަލަށް އައިޖީއެމްއެޗް އަގުގައި ކަމަށެވެ. އަދި ހުރިހާ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ވެސް އާސަންދައިގެން ހިދުމަތް ދޭންވާނީ ސަރުކާރުން ކަނޑައަޅާ އަގެއްގައި ކަމަށް އޭނާ ހުށަހަޅުއްވި އެވެ. ނަމަވެސް އެއަށް އިތުރުވާ ބައި ދޭންޖެހޭނީ ހިދުމަތް ހޯދާ ފަރާތުން ކަމަށް ވެސް ހަމްޒާ ވިދާޅުވި އެވެ.

"ކޮންމެ ކްލިނިކަކުން ބޭސް ކުރިޔަސް، ކުރެވެން ވާނީ އައިޖީއެމްއެޗް އަގުގައޭ. އޭގެ ތަފާތު ދައްކަން [އިތުރުވާ ފައިސާ] ދައްކަ ވާނީ ބޭސް ކުރާ ފަރާތަކުންނޭ،" ހަމްޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަންތަނުގެ ހިދުމަތުގެ އަގު އެއް ހަމަޔަކަށް ގެނަޔަސް، ފާމަސީތަކުން ލިބޭ ބޭސްތަކުގެ އަގު ވެސް ރަނގަޅަށް ބަލަހައްޓަން ޖެހޭ ކަމަށާއި އެއް ރުފިޔާއަށް ދޭ ބޭސް ގުޅެއް 10ރ. އާ އަށް ވެސް ދެމުންދާ ކަމަށެވެ. އެގޮތުން އެތަންތަނުގެ އެކްސްޓާނަލް އޮޑިޓެއް ކުރުމަށް އޭނާ އެދިވަދައިގެންނެވި އެވެ.

މާލިއްޔަތު ކޮމެޓިގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ އާސަންދައިގައި ހަރުދަނާ ރަނގަޅު ބިންގަލެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް ކުރެވިފައިވާ 1400 މަގާމުގައި ތިއްބެވި ބޭފުޅުން އެބަތިއްބެވި ކަމަށެވެ. ނަމަވެސް އެބޭފުޅުންނަށް ވެސް އާސަންދައިން ހަރަދު ކުރެވެމުންދާތީވެ، ދެކޮޅުން ވެސް ދައުލަތަށް ގެއްލުންވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އާސަންދަ ހިދުމަތުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް މާލިއްޔަތު ކޮމެޓީން ފެންމަތި ކުރި މައްސަލާއާ ގުޅިގެން އާސަންދާގެ ހިދުމަތްދޭ ދެ ކުލިނިކަކުން ވަނީ އެ ހިދުމަތް މެދުކަނޑާލަން ޖެހިފަ އެވެ. އެއް އެޑްމިނިސްޓްރޭޝަނެއްގެ ދަށުން ހިންގާ އެ ދެ ކްލިނިކަށް އާސަންދަ ހިދުމަތްދީފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް މެންބަރުން ތުހުމަތު ކުރެ އެވެ.

އާސަންދަ ހިދުމަތް ރަނގަޅު ކުރުމަށް މާލިއްޔަތު ކޮމެޓީން ފެށި މަސައްކަތުގައި ހޮސްޕިޓަލްތަކުގެ އާސަންދަ ހިދުމަތް ހޯދާ މީހުންގެ ތަފާސް ހިސާބު ހޯދުމަށް މާލިއްޔަތު ކޮމެޓިން ހޮސްޕިޓަލްތަކަށް ވަނީ ފޮނުވާފަ އެވެ. އެ ގޮތުން އާސަންދަ ހިދުމަތް ދުވާލެއްގެ މައްޗަށް ލިބިގަންނަ މީހުންގެ އަދަދާއި އާސަންދައިން ބޭސް ދޫކުރާ މިންވަރު ހޯދުމަށް އެދިފައިވެ އެވެ. އަދި އޭގެ ތެރޭގައި ސްކީމުގެ ދަށުން ހޯދާ ތަފާތު އެކި ޓެސްޓުތަކުގެ ތަފްސާ ހިސާބުތައް ހިމެނެ އެވެ.